ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް 13 މާރޗް 2012 ގައި އާންމުކޮށްފައިވާ ޕޮލިސީގެ ދަށުން 2012 ވަނަ އަހަރު ގެ ފުރަތަމަ ކުއާރޓަގެ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު 15 މެއި 2012 ވަނަ ދުވަހު މީރާގެ ވެބްސައިޓްގައި ހާމަކޮށްފިއެވެ. މިޕޮލިސީގެ ދަށުން މިފަހަރު ހާމަކުރީ ޖެނުއަރީ 2012 އިން މާރޗް 2012ގެ ޓެކްސްނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތެވެ. އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން މިމުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ މަޢުލޫމާތު 30 މެއި 2012 ގައި ހާމަކުރެވޭނެއެވެ.
ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެތަކެއް ފަހަރަކު ފޯނުން ގުޅާ، އަދި ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އީ-މެއިލް އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތް ކޮށްފައެވެ. ނަމަވެސް އެއްގޮތަކަށްވެސް ނުގުޅޭ 50 ފަރާތެއް ވެއެވެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ 4411 ފަރާތުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ 50 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 230 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓް ގައި ވަނީ އާންމުކޮށްފައެވެ. 29 މެއި 2012 ވަނަ ދުވަހު މިލިސްޓު ގެޒެޓުގައި ވެސް ޝާޢިއު ކުރެވޭނެއެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތްތަކުގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ. އަދި މިމަޢުލޫމާތުތައް ވެބްސައިޓްގައި އާންމު ކުރެވުނުކަމުގައި ވީނަމަވެސް ގަވާއިދުން ޖޫރިމަނާ އަރަމުންދާނެއެވެ. ގެޒެޓުގައި ޝާޢިއު ކުރުމަށްފަހު ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައް އަޅަމުންދާނެއެވެ.
މިމަސައްކަތުގައި ޓެކްސްޕޭޔަރުންގެ ފަރާތުން މީރާއަށް ދެއްވާފައިވާ އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ.