މާދަމާއިން ފެށިގެން ގްރީން ޓެކްސް ނަގާނެ

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އަލަށް ތައާރަފު ކުރެވޭ ގްރީން ޓެކްސް، މިރޭގެ 00:00 އިން ފެށިގެން ނަގާނެއެވެ. 17 ޑިސެންބަރު 2014 ގައި ތަސްދީޤް ކުރެވުނު މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހަކީ 1 ނޮވެންބަރު 2015 އެވެ.

ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައި ވަނީ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، ދުވާލަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. މީރާއަށް ގްރީން ޓެކްސް ބަޔާނާއެކު އިންފޮމޭޝަން ޝީޓް ހުށަހަޅައި ފައިސާ ދައްކަންޖެހެނީ ކޮންމެ ކަލަންޑަރު މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިންނެވެ.

ގްރީން ޓެކްސް ނަގަންޖެހޭ ފަރާތްތައް އަހުލުވެރިކުރުވުމުގެ ގޮތުން މީރާއިން ވަނީ ޚާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. މިގޮތުން އެ ފަރާތްތަކަށް ޚާއްސަކުރެވިގެން 13 އޮކްޓޫބަރު ގައި ސެމިނާއެއް ހިންގުމުގެ އިތުރުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކޮންމެ ދުވަހަކު ވެސް ހިންގަމުންދާކަމަށް އެ އޮތޯރިޓީއިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން މީރާގެ ވެބްސައިޓް www.mira.gov.mv އާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް ގްރީން ޓެކުހާ ގުޅޭ މައުލޫމާތު ފޯރުވައިދެމުން ދެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މީރާގެ ރަސްމީ ގަޑީގައި 1415 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

 

ގުޅުންހުރި ލިންކުތައް

1.      ގްރީން ޓެކްސް ގައިޑް:

http://www.mira.gov.mv/forms/Green%20Tax%20Guide%2028-10-2015.pdf

31-10-15