ޓެކުހަށް މަކަރުހަދާކަމަށް ޝައްކުކުރެވޭ ކުޅުދުއްފުށީގެ ހަތަރު ތަނެއް މީރާއިން ބަލައި ފާސްކުރަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން ޖަޢުފަރު ޢަލީ، ވަގުތު، ހދ. ކުޅުދުއްފުށީގެ ނަމުގައި ކުޅުދުއްފުށީގައި ވިޔަފާރި ކުރާ 4 ތަނަކަށް މީރާއިން ވަދެ އެ ތަންތަން ބަލައި ފާސްކުރަން ފަށައިފިއެވެ. ޓްރައިބިއުނަލްގެ އަމުރުގެ ދަށުން މީރާއިން މިއަދު ހެނދުނު 11 އިން ފެށިގެން ބަލައި ފާސްކުރަމުން ގެންދަނީ "އޮއިވާލި" ފިހާރަ އާއި، "ސުފުރާ މަތި" ކެފޭ އާއި، އޮއިވާލި ކޮންސްޓްރަކްޝަން ކާޕެންޓްރީގެ އޮފީސް އަދި ޖޭ.އޭ ރެންޓަލްސް އެވެ. މިއީ، ޖަޢުފަރު ޢަލީ ޓެކުހަށް މަކަރު ހަދާކަމަށް އަމިއްލަ ފަރާތަކުން މީރާއަށް ދިން މައުލޫމާތަކާ ގުޅިގެން މީރާއިން ހިންގާ ބަލައި ފާސްކުރުމެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން، ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް އެއްވެސް ފަރާތަކުން ކުރަމުންދާކަމަށް ނުވަތަ ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ، އަދި އެ ފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެ ވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.

 

މިއީ 2016 ވަނަ އަހަރު މީރާއިން ކުރިއަށް ގެންދާ މި ފަދަ 2 ވަނަ ބަލައި ފާސްކުރުމެވެ. މި މަހުގެ ކުރީކޮޅު މީރާއިން ވަނީ ޏ. ފުވައްމުލަކުގެ ވިޔަފާރިއެއް ވެސް ބަލައި ފާސްކޮށްފައެވެ. ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ޖިނާޢީ ދައުވާ ކުރުމަށް މީރާއިން މިހާތަނަށް 8 ފަރާތެއްގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

22-02-16