ހިންމަތް އިންވެސްމަންޓް ޕވޓ ލޓޑ. އިން ދައްކަންޖެހޭ ކުއްޔާ ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހިންމަތް އިންވެސްމަންޓް ޕވޓ ލޓޑ. މައްޗަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް 20 މެއި 2012 ވަނަ ދުވަހު ސިވިލް ކޯޓުން އިއްވައިފިއެވެ.

 

ކޯޓުގެ ނިންމުމުގައި، މި ދަޢުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމާ މެދު ދަޢުވާލިބޭ ފަރާތުން އިންކާރުނުކުރާކަމާއި، ދަޢުވާލިބޭ ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ދެމެދު މިމައްސަލައިގައި ޙަވާލާދެވޭ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ މީރާއަށް ދެއްކުމަށް ހުކުމްކޮށްފައިވެއެވެ. މިގޮތުން، ދަޢުވާގައި ހޯދަން އެދިފައިވާ -/464,346ރ 20 މެއި 2012 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާސް ކުރުމަށް ހުކުމްކޮށްފައިވެއެވެ.

 

މީރާއިން ހިންމަތް އިންވެސްމަންޓް ޕވޓ ލޓޑ. މައްޗަށް ދަޢުވާކޮށްފައިވަނީ، 01 ފެބްރުއަރީ 2010 އިން 31 ޑިސެމްބަރ 2010 ގެ ނިޔަލަށް ޅ.އަތޮޅު ފިހާރައިގެ އިރުމަތިބައި، ދެކުނު ފެންޑާގެ، ދެބައިކުޅަ އެއްބައި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ހިންމަތް އިންވެސްމަންޓް ޕވޓ ލޓޑ. އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހިންމަތް އިންވެސްމަންޓް ޕވޓ ލޓޑ. އިން ދައުލަތަށް، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށެވެ.

22-05-12