ސެޕްޓެންބަރު މަހުގެ ނިޔަލަށް މީރާއަށް ބަލައިގަތް އާމްދަނީ 10 ބިލިއަނަށް އަރައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މި އަހަރުގެ ޖަނަވަރީން ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީ 10.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީ (9.0 ބިލިއަން ރުފިޔާ) އާ އަޅައިބަލާއިރު 16.2% ގެ ކުރިއެރުމެކެވެ.

                

ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 4.6 ބިލިއަން ރުފިޔާ ނުވަތަ 44.0% އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީ (2.5 ބިލިއަން ރުފިޔާ ނުވަތަ 24.1%) އެވެ. އެހެންކަމުން ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ 68.1% ހިއްސާކުރަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް (930.4 މިލިއަން ރުފިޔާ ނުވަތަ 8.9%) އާއި ބޭންކް ޕްރޮފިޓް ޓެކްސް (512.7 މިލިއަން ރުފިޔާ ނުވަތަ 4.9%) އަދި އެއަރޕޯޓް ސަރވިސް ޗާޖު (356.1 މިލިއަން ރުފިޔާ ނުވަތަ 3.4%) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަކުރެވެއެވެ.

 

ސެޕްޓެންބަރު 2015 ގައި މީރާއަށް ބަލައިގަތް އާމްދަނީއަކީ 889.1 މިލިއަން ރުފިޔާއެވެ. މިއީ ސެޕްޓެންބަރު 2014 ގައި ބަލައިގަތް އާމްދަނީ (838.9 މިލިއަން ރުފިޔާ) އާ އަޅައިބަލާއިރު 6.0% ގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 40.7 މިލިއަން ޑޮލަރު ހިމެނެއެވެ. ސެޕްޓެންބަރު މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ޖީ.އެސް.ޓީ އެވެ. އެއީ 465.2 މިލިއަން ރުފިޔާ ނުވަތަ 52.3% އެވެ. ސެޕްޓެންބަރު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓް (241.1 މިލިއަން ރުފިޔާ ނުވަތަ 27.1%)، ބީ.ޕީ.ޓީ (71.3 މިލިއަން ރުފިޔާ ނުވަތަ 8.0%)، އެއަރޕޯޓް ސަރވިސް ޗާޖު (44.1 މިލިއަން ރުފިޔާ ނުވަތަ 5.0%) އަދި ރެޒިޑެންޓް ޕަރމިޓް (19.6 މިލިއަން ރުފިޔާ ނުވަތަ 2.2%) އިންނެވެ.

01-10-15