މާމަޑުއްވަރީ އިންވެސްމަންޓް ޕވޓ ލޓޑ. އިން ދައްކަންޖެހޭ ލީސް ރެންޓާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާމަޑުއްވަރީ އިންވެސްޓްމަންޓް ޕވޓ. ލޓޑ. މައްޗަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް 28 މެއި 2012 ގައި ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

ސިވިލް ކޯޓުގެ ޝަރީޢަތް ނިންމުނު ގޮތުގެ ޚުލާސާގައި، ޤާނޫނު ނަމްބަރު 03/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހާ ޓެކްސް ނެގުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމަކީ މިޤާނޫނުގެ ދަށުން މީރާގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި، އެއްވެސް ޓެކުހެއް ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެފައިސާ ހޯދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

 

ކޯޓުގެ ނިންމުމުގައި، މި ދަޢުވާގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަމާ މެދު ދަޢުވާލިބޭ ފަރާތުން އިންކާރުނުކުރާކަމާއި، މިމައްސަލައިގައި ދަޢުވާ ކުރާ ފައިސާ، ފެބްރުއަރީ 2012 އިން ފެށިގެން ތިން އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް ވަޒީރުންގެ މަޖިލީހުން 29 ނޮވެމްބަރ 2011 ގައި ނިންމަވާފައި ވީނަމަވެސް، އަދި މިދަޢުވާ ލިބޭ ފަރާތުން ވަޒީރުންގެ މަޖިލީހުން ދެއްވާފައިވާ މިމުއްދަތު ނުނިމޭތީ މިއީ މިރާއަށް ލިބެންޖެހޭ ފައިސާއެއް ނުލިބިގެން ދަޢުވާ ކުރެވޭނެ މައްސަލައެއްނޫން ކަމަށް ބުނެފައިވީނަމަވެސް، ސަރުކާރަށް ހޯދަންޖެހޭ މަދަނީ ދަރަނީގެ ފައިސާއެއް ދެއްކުމާގުޅޭގޮތުން ދަރަނިވެރިޔާއަށް ގޮތްތަކެއް ހަމަޖައްސައިދިނުން ނުވަތަ އެފައިސާ ދައްކަންޖެހޭ ގޮތުގެ މައްޗަށް ގޮތްތަކެއް އެކަށައެޅުމުގެ ބާރު ވަޒީރުންގެ މަޖްލީހަށް ލިބިދޭ ޤާނޫނީ ހައިޘިއްޔަތެއް ނެތްކަމާއި، ވަޒީރުންގެ މަޖިލީހުގެ އެނިންމުމަކީ ޤާނޫނީ ބާރެއް ލިބިގެންނުވާ ބާޠިލް ނިންމުމެއް ކަމަށް ކަނޑައަޅާފައިވެއެވެ. މިގޮތުން، ދަޢުވާގައި ހޯދަން އެދިފައިވާ -/5,606,954.87ރ ދައްކަންޖެހި ނުދައްކާ ކަމަށް ހުށަހެޅިފައިވާ ލިޔެކިއުމުން ޘާބިތުވާތީ، 28 މެއި 2012 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މިފައިސާ މީރާއަށް ދައްކާ ޚަލާސް ކުރުމަށް ހުކުމްކޮށްފައިވެއެވެ.

 

މީރާއިން މާމަޑުއްވަރީ އިންވެސްޓްމަންޓް ޕވޓ. ލޓޑ. ގެ މައްޗަށް ދަޢުވާކޮށްފައިވަނީ، 25 މާރޗް 2009 އިން ފެށިގެން އެއްބަސްވުން ބާޠިލް ކުރެވުނު ތާރީޚް ކަމުގައިވާ 25 ޖޫން 2011 ގެ ނިޔަލަށް ބ. މާމަޑުއްވަރީ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މާމަޑުއްވަރީ އިންވެސްޓްމަންޓް ޕވޓ. ލޓޑ. އާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން މާމަޑުއްވަރީ އިންވެސްޓްމަންޓް ޕވޓ. ލޓޑ. އިން ދަޢުލަތަށް، ލީސް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށެވެ.

29-05-12