"ކޮބާ ރަސީދު؟" ކެމްޕޭންގެ އޮގަސްޓު މަހުގެ ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "ކޮބާ ރަސީދު" ކެމްޕެއިން އަށް އޮގަސްޓް މަހުގައި ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ކ. ތުލުސްދޫ، ޒަމާނީވިލާ އަޙްމަދު އަޙުލާމު އަށް 3000 (ތިން ހާސް) ރުފިޔާ ހަވާލުކޮށްފިއެވެ.

މިއަދު 13:30ގައި މީރާގައި އެ ކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އެވެ. މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މުދަލާއި ޚިދުމަތް ބައްލަވައިގަތުމަށްފަހު ފައިސާ ނަގާފައިވަނީ ރަގަޅަށްތޯ އާއި އެ މުއާމަލާތުގެ ތެރެއިން ޓެކުހެއް ދެއްކުނުނަމަ އެ ދެއްކުނު އަދަދު ރަގަޅުތޯ ބެލުމަށާއި އެފައިސާ އަމާނާތްތެރިކަމާއި އެކު ދައުލަތަށް ރައްދުކުރުމަށް ބާރުއެޅުމުގެ ގޮތުން ރަސީދު ކޮޅެއް ހޯދުމަކީ ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި މިއަދު ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި ވިޔަފާރިތަކުންވެސް ޚިދުމަތް ހޯދާ ފަރާތްތަކުން އެދުނުކަމުގައި ނުވިޔަސް ކޮންމެ މުއާމަލާތަކާއި އެކު ރަސީދުކޮޅެއް ދޭން އާދަކުރަންޖެހޭކަމަށެވެ. އަދި މިހާތަނަށް މީރާއިން އައީ މިކަން އަށަގެންނެވުމަށް ހިތްވަރުދީ އެކިއެކި ކެމްޕެއިންތައް ހިންގަމުން ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތާނގައި ރަސީދު ނުދޭ ފަރާތްތަކާއި މެދު ޤާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށްވެސް ވިދާޅުވިއެވެ.

1 އޮގަސްޓް އިން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 3،000 (ތިން ހާސް) ރުފިޔާގެ އިތުރުން މުޅި ކެމްޕެއިންގެ ތެރޭގައި އެންމެ ގިނަ ވިޔަފާރިތަކުން އެންމެ ގިނަ ރަސީދު ހުށަހެޅި ފަރާތަކަށް 20،000 (ވިހި ހާސް) ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. އޮގަސްޓް މަހުގެ ތެރޭގައި ޖުމުލަ 558 ބައިވެރިން 11,052 ރަސީދު މީރާ އަށް ފޮނުވާފައިވެއެވެ.

ގުޅުންހުރި ލިންކުތައް

1.      އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް:

              https://www.facebook.com/maldivesinlandrevenueauthority/posts/982636875126576

14-09-15