ޕޮސެއިޑަން މޯލްޑިވްސް އިން ދައްކަންޖެހޭ ބެޑް ޓެކްސް އާއި ޖޫރިމަނާ އެ ކުންފުނީގެ ހިއްސާދާރުން މީރާއަށް ދެއްކުމަށް ހުކުމްކޮށްފިި

ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ޓޫރިސްޓް އުޅަނދެއް ކަމުގައިވާ "ދަ މޯލްޑިވްސް މޮޒައިކް ސަފާރީ" އިން ދައްކަންޖެހޭ ބެޑް ޓެކްސް އާއި، ބެޑް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ޓެކްސް ދައްކައިފައިނުވާތީ އަރައިފައިވާ ޖޫރިމަނާ އަދި ބެޑް ޓެކްސް ޝީޓް ސުންގަޑިއަށް ހުށަހަޅައިފައިނުވާތީ އަރައިފައިވާ ޖޫރިމަނާ، 16 އޮގަސްޓު 2015 އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ކުންފުނީގެ 2 ޑިރެކްޓަރުން ކަމުގައިވާ އދ. މަހިބަދޫ ހީނާގަސްދޮށުގެ ޢަލީ ޝުވާއު އާއި ސ.ހިތަދޫ ސަރިންދާގެ މުޙައްމަދު ހާދީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މި ގޮތަށް ހުކުމްކޮށްފައިވަނީ ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މީރާއިން ހުށަހެޅި މައްސަލައިގައި 31 މާރިޗު 2013 ގައި އެ ކޯޓުން ކުރި ޙުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދެއްކުމުން މީރާއިން ހުށަހެޅި ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގައެވެ. ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން، ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަރަނި އަމިއްލަ ފަރުދީ ހައިސިއްޔަތުން ދައްކާ ޚަލާޞްކުރާނޭ ކަމަށް އެ ކުންފުނީގެ 2 ހިއްސާދާރުން ބުނެފައިވާތީ، އެ 2 ފަރާތުން ވެސް އެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެއެވެ. އެ ގޮތުން ޕޮސެއިޑަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކްސް ގެ ގޮތުގައި ދައްކަންޖެހޭ 16,480 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 142,000 ރުފިޔާގެ ދެބައިކުޅަ އެއްބައި ކޮންމެ ހިއްސާދާރަކު ވެސް 3 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ހުކުމްގައި އަމުރުކޮށްފައި ވެއެވެ.

ގުޅުންހުރި ލިންކުތައް

1.       ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު  867/Cv-C/2013ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/932CVC2012%20Poseidon%20Maldives%20Pvt%20Ltd.pdf

2.       ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު  932/Cv-C/2012ގެ ޙުކުމް:

https://www.mira.gov.mv/legal_decisions/932CvC2012%20Judgement.pdf   

 

 

23-08-15