3 އަތޮޅެއްގެ ވިޔަފާރިތައް އޮޑިޓްކުރުމަށްފަހު ޖީ.އެސް.ޓީގެ ގޮތުގައި އިތުރަށް 1 މިލިޔަނަށްވުރެ ގިނަ ފައިސާ ހޯދިއްޖެ

20 މެއި 2012 އިން ފެށިގެން އަތޮޅުތަކަށް ކުރަމުންދާ ދަތުރުތަކުގައި މިހާތަނަށް ކުރެވުނު އޮޑިޓްތަކުން އިތުރަށް 1 މިލިޔަނަށް ވުރެ ގިނަ ފައިސާ ޖީ.އެސް.ޓީގެ ގޮތުގައި ލިބެންޖެހޭ ކަމަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން ފުރަތަމަ ބުރުގެ އަތޮޅުތަކުން މިހާތަނަށް ހދ. ބ. އަދި ޏ. އަތޮޅުގެ 122 އަށް ވުރެ ގިނަ ވިޔަފާރި އޮޑިޓް ކުރެވިފައިވެއެވެ.

 

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތަކުގެ ފުރަތަމަ ބުރުގެ ބާކީ ހުރި އަތޮޅުތަކަށް (ހއ، ޅ، ގދ، އަދި ސ. އަތޮޅަށް) މިޖޫން މަހުގެ ތެރޭގައި ދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ދަތުރުކުރާނެ ރަށްތައް ކަނޑައެޅުމުގައި ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނިތަކަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން މިހާތަނަށް ޖީ.އެސް.ޓީގެ ގޮތުގައި އެރަށްރަށުން ދައްކާފައިވާ ފައިސާގެ ނިސްބަތަށް ބަލާނެއެވެ.

 

އަތޮޅުތަކަށް ކުރެވޭ މިދަތުރުތަކުގައި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް(ބީ.ޕީ.ޓީ)ގެ ޓެކްސް ބާޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބަޔާން ފުރާނެގޮތުގެ މަޢުލޫމާތު ދިނުމާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ލިޔެކިއުންތައް ހުރީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކުކުރުމާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތައް ޖީއެސް.ޓީއަށް ރަޖިސްޓަރީކުރުވުމާއި، އަދި މިހާތަނަށް ޖީ.އެސް.ޓީ ދައްކާފައިވާ ވިޔަފާރިތަކުން ދައްކާފައިވާ ފައިސާގެ ނިސްބަތަށްބަލައި އެވިޔަފާރިތައް އޮޑިޓްކުރުމަށް ހަމަޖެހިފައިވެއެވެ.

04-06-12