މީރާއާއި އެޗް.ޑީ.ސީ ގުޅިގެން ހުޅުމާލެގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގައިފިި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ހުޅުމާލޭގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ. 'ހޭވައްލާ ގަސް އިންދަމާ' މި ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މީރާގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން އަދި އެޗް.ޑީ.ސީގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ. ގަސް އިންދުމުގެ މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ.

މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މީރާގެ މުވައްޒަފުން މިފަދަ އިޖްތިމާއީ ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަނަމަވެސް އެ ހަރަކާތަކީ އިޖްތިމާއި މަންފާއަށް ކުރެވުނު މަސައްކަތެއްގެ އިތުރުން މުވައްޒަފުންގެ އަމިއްލަ މުސްތަޤްބަލަށްވެސް ކުރެވުނު ފައިދާހުރި ކަމެއްކަމުގައެވެ. ސަބަބެއްކަމަށް ވިދާޅުވެފައިވަނީ މީރާގެ ގިނަ މުވައްޒަފުންނަކީ ޒުވާނުންކަމަށްވީހިދު ހުޅުމާލެ ތަރައްޤީވެ އޭގެ ފައިދާ ޒުވާނުންނަށް ލިބިގެންދާނޭތީކަމަށެވެ. އަދި މިފަދަ އަގުހުރި މަސައްކަތެއް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވައި އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސަވައިދެއްވީތީ  މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަނަށާއި އެޗް.ޑީ.ސީގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވެފައިވަނީ ހުޅުމާލެ ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަންނަންޖެހޭ އެއް ތަރައްޤީއަކީ ގަސްގަހާގެހި އިންދި ބިން ފެހިކުރުންކަމަށްވީއިރު، މީރާއިން މިހާ ކުރިން މިފަދަ ކަމެއްގައި އިސްނަގައި އަމަލީގޮތުން ބައިވެރިވުމީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ. ހަވީރު 4:00 ގައި ފެށި މި ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަ ގަސް އިންދުނު ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިންކުތައް

1.      ގަސް އިންދުމުގެ ޕްރޮގްރާމްގެ ފޮޓޯތައް:

https://www.facebook.com/maldivesinlandrevenueauthority/posts/970709586319305

23-08-15