މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިންގަމުންދާ "ޓެކްސް ވީކް" ގެ ހަރަކާތްތަކުގެ ތެރެއިން މީރާގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މި ހަރަކާތަކީ މީރާ ކްލަބާއި ނެޝަނަލް ތެލަސީމިއާ ސެންޓަރ އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މިއަދު މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އަށް ނެޝަނަލް ތެލަސީމިއާ ސެންޓަރުގައި މި ކަމަށް ހާއްސަކުރެވިގެން ބޭއްވުނު ބްލަޑް ކޭމްޕްގައި މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވެސް ލޭ ހަދިޔާކުރައްވާފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. 

މިއަދުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ނެޝަނަލް ތެލަސީމިއާ ސެންޓަރ އަދި މޯލްޑިވްސް ބްލަޑް ސަރވިސަސް އިން މީރާއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، މީރާއިން އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.

  

20-08-15