މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "ޑިޖިޓަލް އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އަހަރު ހާސިލްކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 13 އޮގަސްޓު ގައި ބޭއްވުނު ހަފްލާގައި މީރާގެ ޑިޖިޓަލް އަހަރު ހާސިލްކުރަން އަމާޒުކުރެވިފައިވާ މައިގަނޑު 13 ލަނޑުދަނޑިއެއް މީރާއިން ހާމަކޮށްފައި ވެއެވެ.
މި ލަނޑުދަނޑިތަކަކީ:
1. ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމެންޓް ސިސްޓަމެއް މީރާގައި ޤާއިމްކުރުން (ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމެންޓް ނުވަތަ ސީ.އާރް.އެމް ސިސްޓަމްގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާ މީރާއާ ދެމެދު ކުރެވޭ މުއާމަލާތްތައް މިހާރަށްވުރެ ފުރިހަމަވެ، އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ މިންވަރު އިތުރުވެ، އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އެދެވޭ ބަދަލެއް އަންނާނެ).
2. މީރާގެ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުން (މި އެޕްލިކޭޝަން މެދުވެރިކޮށް މީރާއަށް ދައްކަންޖެހޭ ފީ ދެއްކުމުގެ މަގު ތަނަވަސްވުމުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ އަދި އެ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ މައުލޫމާތު ލިބިގެންދާނެ).
3. އީ-ލަރނިންގ ވަސީލަތްތައް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
4. މީރާގެ އިންވެސްޓިގޭޝަން ޓީމުގެ ފޮރެންސިކް ތަހުލީލު ހިންގުމުގެ ގާބިލުކަން އިތުރުކުރުން.
5. އިންޓަރެކްޓިވް ވެބްސައިޓެއް ޤާއިމްކުރުން.
6. ދައުލަތުގެ އެކި އިދާރާތަކުގެ ސިސްޓަމްތަކާއި މީރާގެ ސިސްޓަމްތައް އިންޓެގްރޭޓްކުރުން.
7. އަތޮޅު ކައުންސިލް އިދާރާތަކުން މީރާގެ ފަރާތުން ބަލައިގަންނަ ފައިސާ ބަލައިގަތުމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކުރުން.
8. މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ފައިސާ ދެއްކޭނެ އިތުރު ގޮތްތައް ތައާރަފުކުރުން.
9. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ވެހިކަލް ސްޓިކަރ އުވައިލުމަށްފަހު، ވެހިކަލް ފީ ދެއްކިކަން ޔަގީންކުރަން ބޭނުންވާ ތަންފީޒީ އިދާރާތަކަށް އެ ކަން ޔަގީންކުރެވޭނެ އޮންލައިން ނިޒާމެއް ޤާއިމްކުރުން.
10. އޮޑިޓްކުރަންޖެހޭ "ހައި ރިސްކް" ޓެކްސް ދައްކާ ފަރާތްތައް ދެނެގަތުމަށް މީރާއިން ބޭނުންކުރާ ރިސްކް ޕްރޮފައިލިންގ ސިސްޓަމް މުޅިން އޮޓޮމޭޓްކުރުން.
11. މީރާގެ އެންމެހައި އިދާރީ ޕްރޮސެސްތައް އޮޓޮމޭޓްކުރުން.
12. މީރާގައި މިހާރު ޤާއިމްކޮށްފައިވާ އެސް.އޭ.ޕީ ޓެކްސް އެންޑް ރެވެނިއު މެނޭޖްމެންޓް ސިސްޓަމް މެދުވެރިކޮށް މިހާރު ބަލަހައްޓަމުންދާ ރެވެނިއު ކޯޑުތަކުގެ އިތުރުން އެހެން ރެވެނިއު ކޯޑުތައް އެ ސިސްޓަމަށް ބަދަލުކުރުން.
13. ޓެކްސް ދައްކާ ފަރާތްތަކާއި މީރާއާ ދެމެދު ކުރެވޭ ރަސްމީ މުއާމަލާތްތަކުގެ މަދުވެގެން ތިންބައިކުޅަ ދެބައި، އީމޭލް މެދުވެރިކޮށް ކުރުން.
ގުޅުންހުރި ލިންކުތައް
1. މީރާގެ ޑިޖިޓަލް އަހަރާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަން:
https://www.youtube.com/watch?v=3u8WIZhlaTY