މީރާއާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި (11 ޖޫން 2012)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ މީރާއާއި ދިވެހި ސަރުކާރުގެ އެހެން މުއައްސަސާއަކާއެކު ވެވުނު ފުރަތަމަ އެމް.އޯ.ޔޫއެވެ. އަދި މިއެމް.އޯ.ޔޫއަކީ މިދެ މުއައްސަސާގެ ދެމެދުގައި މަޢުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މިއެމް.އޯ.ޔޫގެ ސަބަބުން މީރާއިން ކުރާ އޮޑިޓް، އެސެސްމަންޓް އަދި ތަޙުޤީޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ބޭނުންވާ މަޢުލޫމާތުގެ ތެރެއިން އިމިގްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނަ މަޢުލޫމާތު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބިދިނުމަށް މަގުފަހިވެ މި ދެ މުއައްސަސާއިން ތަންފީޒުކުރާ ޤާނޫނުތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި މީގެ އިތުރުން މިއެމް.އޯ.ޔޫގައި ސޮއިކުރުމަކީ ޓެކުހާ ގުޅޭ ކުށްތަކާއި އިމިގްރޭޝަން ދާއިރާއާ ގުޅޭ ކުށްތަކާބެހޭ މަޢުލޫމާތު ދެ ފަރާތުގެ މެދުގައި ބަދަލުކޮށް، އެފަދަ ކުށްތައް މަދުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

އެމް.އޯ.ޔޫގައި ސޮއިކުރެވުނީ މިއަދު 14:30 ގައި މީރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދު އަދި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، އަލްފާޟިލް މުޙައްމަދު ޢަލީއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު އެއްބަސްވުންތަކެއް އެހެނިހެން މުއައްސަސާތަކާއިއެކު ކުރުމަށްވަނީ ހަމަޖެހިފައެވެ.

11-06-12