މީރާއިން ޖުލައި މަހު 1.59 ބިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2015 ވަނަ އަހަރުގެ ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ ޖުލައި މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ %15.8 އިތުރު އަދަދެކެވެ.

މި ޖުލައި މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ނޮވެންބަރު 2014 ގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ލިބިފައިވާ އަދަދު އިތުރުވުމެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ 7 މަހުގެ ތެރޭގައި މީރާއިން ވަނީ ޖުމުލަ 8.44 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މިއީ 2014 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %19.7 އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ޓީ.ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވުމާއި، މޭ 2014 އިން ފެށިގެން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުން ހިމެނެއެވެ. 2015 ވަނަ އަހަރުގެ ފުރަތަމަ 7 މަހުގެ ޖުމްލަ އާމްދަނީގެ %68.4 ލިބިފައިވަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީއިންނެވެ.

ޖުލައި 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 42.16 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ޖުލައި 2015 ގައި ލިބިފައިވާ އާމްދަނީއަކީ އެ މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %6.5 މަދު އަދަދެކެވެ. މީގެ ސަބަބަކީ 2015 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ކަމުގައިވާ 31 ޖުލައި 2015 އަކީ ރަސްމީ ބަންދު ދުވަހެއްކަމުން، ފައިސާ ދައްކަންޖެހޭ ސުންގަޑި 2 އޮގަސްޓް 2015 އަށް ފަސްވުމެވެ.

ވޭތުވެދިޔަ ޖުލައި މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. ބީ.ޕީ.ޓީގެ ގޮތުގައި ޖުލައި މަހުގެ ޖުމްލަ އާމްދަނީގެ 36.3% (575.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %27 (428.27 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ޖުލައި މަހުގެ ޖުމްލަ އާމްދަނީގެ 26.4% (418.54 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 3.1% (48.87 މިލިއަން ރުފިޔާ) އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 2.0% (31.49 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

  • 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ރެވެނިއު ރިޕޯޓް:

https://www.mira.gov.mv/reports/Jul15.pdf

  • 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ރެވެނިއު ރިޕޯޓް:

 https://www.mira.gov.mv/reports/Jul%2014_150517.pdf

11-08-15