2015 ވަނަ އަހަރު ފުރަތަމަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ މާލެ ސަރަޙައްދުގެ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަމަލު ކުރަމުންދާ އުސޫލުގެ ދަށުން، 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ހިމެނެނީ ޖަނަވަރީ 2015 އިން މާރިޗު 2015 ގެ ޓެކްސް ނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތެވެ. ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި އަދި ޖީ.އެސް.ޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 14 ފަރާތަކާއި ޓޫރިޒަމް ނޫން ދާއިރާތަކުގެ 98 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.  ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތެއްގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ގޮތުންމަތިން މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި ލިޔުންތައް

·         2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު:

https://www.mira.gov.mv/Non_Compliars.aspx

23-07-15