ބީ.ޕީ.ޓީގެ ގޮތުގައި ފުރަތަމަ 6 މަހު ލިބުނު އާމްދަނީ އިތުރުވެއްޖެ

2015 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބީ.ޕީ.ޓީގެ ގޮތުގައި ލިބުނު އާމްދަނީ %9.7 (ނުވައެއް ޕޮއިންޓް ހަތެއް އިންސައްތަ) އިތުރުވެފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. ޖޫން މަހުގައި ބީ.ޕީ.ޓީގެ ގޮތުގައި ބަލައިގަތް 356.3 (ތިން ސަތޭކަ ފަންސާސް ހަޔެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާއާއެކު ފުރަތަމަ 6 މަހުގެ ތެރޭގައި ބަލައިގަތް ބީ.ޕީ.ޓީގެ ޖުމުލަ ވަނީ  1.48 (އެކެއް ޕޮއިންޓް ހަތަރެއް އަށެއް) ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 6.86 (ހަޔެއް ޕޮއިންޓް އަށެއް ހަޔެއް) ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރު މި މުއްދަތުގައި ބަލައިގަތް 5.68 (ފަހެއް ޕޮއިންޓް ހަޔެއް އަށެއް) ބިލިއަން ރުފިޔާއަށްވުރެ %20.7 (ވިހި ޕޮއިންޓް ހަތެއް އިންސައްތަ) އިތުރު އަދަދެކެވެ. ފުރަތަމަ 6 މަހުގެ އާމްދަނި އިތުރުވެފައިވަނީ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އިން ލިބުނު އާމްދަނީ އިތުރުވެފައިވުމާ ގުޅިގެންނެވެ. ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓު މިދިޔަ އަހަރުގެ ނޮވެންބަރުން ފެށިގެން %12 އަށް އިތުރުކުރުމާ ގުޅިގެން ޖީ.އެސް.ޓީން ލިބުނު އާމްދަނީ ފުރަތަމަ 6 މަސް ދުވަހު %39.7 (ތިރީސް ނުވައެއް ޕޮއިންޓް ހަތެއް އިންސައްތަ) އިތުރުވެފައިވެއެވެ. ބީ.ޕީ.ޓީ %9.7 (ނުވައެއް ޕޮއިންޓް ހަތެއް އިންސައްތަ) އިތުރުވެފައިވާއިރު ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ %109.3 (ސަތޭކަ ނުވައެއް ޕޮއިންޓް ތިނެއް އިންސައްތަ) އިތުރުވެފައިވެއެވެ.

 

2015 ވަނަ އަހަރުގެ ޖޫން މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1.24 (އެކެއް ޕޮއިންޓް ދޭއް ހަތަރެއް) ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ ޖޫން މަހާ އަޅައިބަލާއިރު %2.3 (ދޭއް ޕޮއިންޓް ތިނެއް އިންސައްތަ) ދަށް އަދަދެކެވެ. ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ޖޫންމަހުގެ އާމްދަނީ ދަށްވެފައިވަނީ ބީ.ޕީ.ޓީގެ ގޮތުގައި ޖޫން މަހު ބަލައިގަތް އާމްދަނީ ދަށްވުމާއި ޓޫރިޒަމް ޓެކްސް ނަގާފައިނުވުމުގެ ސަބަބުންނެވެ. އަދި ޖޫން މަހު ބަލައިގަތް އާމްދަނީއަކީ އަންދާޒާކުރި މިންވަރާ ބަލާއިރު %1.7 (އެކެއް ޕޮއިންޓް ހަތެއް އިންސައްތަ) ދަށް އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ ޖޫންމަހު ބަލައިގަތް އާމްދަނީ ދަށްވެފައިވަނީ ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި އަންދާޒާކުރި މިންވަރަށް ޖޫންމަހު އާމްދަނީ ލިބިފައިނުވުމުގެ ސަބަބުންނެވެ.

ޖޫން މަހުގައިވެސް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި 424.6 (ހަތަރު ސަތޭކަ ސައުވީސް ޕޮއިންޓް ހަޔެއް) މިލިއަން ރުފިޔާ ލިބިފައިވާއިރު ބީ.ޕީ.ޓީގެ ގޮތުގައި 356.3 (ތިން ސަތޭކަ ފަންސާސް ހަޔެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލިންނާއި ބޭންކް ޕްރޮފިޓް ޓެކުހުންނާއި އެއަރޕޯޓް ސަރވިސް ޗާޖުންނެވެ.

15-07-15