ސްކޫލް ކުދިންގެ ކުރެހުމުގެ އަދި ފޮޓޯ ނެގުމުގެ މުބާރާތުގެ ސުންގަޑި ފަސްކޮށްފި

މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޓެކްސް ވީކް' ގެ އެއް ހަރަކާތުގެ ގޮތުން މީރާއިން ހުޅުވާލައިފައިވާ ކުރެހުމުގެ އަދި ފޮޓޯނެގުމުގެ މުބާރާތުގެ ސުންގަޑި 2 އޮގަސްޓް 2015 އަށް ފަސްކޮށްފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 6 އިން ފެށިގެން މަތީގެ ގްރޭޑްތަކުގެ ކިޔަވާ ކުދިންނަށް ހުޅުވާލައިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ އަދި ކުރެހުން މީރާއަށް ހުށަހެޅުމަށް ކުރިން ކަނޑައަޅައިފައިވާ ސުންގަޑި އަކީ 15 ޖުލައި 2015 އެވެ. ސުންގަޑި ފަސްކުރަންޖެހުނު ސަބަބަކީ ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވުމާއެކު، ސްކޫލް ހުޅުވުމުން އިތުރު ކުދިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން ހުޅުވާލައިފައިވާ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ marketing@mira.gov.mv އަށް އީމެއިލްކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ. 

07-07-15