މީރާގެ އޮންލައިން ޚިދުމަތްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯއެއް ބާއްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ވަސީލަތްތަކާބެހޭ ގޮތުންނާއި 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި ކައިރިވުމާއެކު ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންނަށް އެ ކަމާ ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން، 13 ޖޫން 2015 ވީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 އަށް ސޯޝަލް ސެންޓަރުގައި ރޯޑްޝޯ އެއް ބާއްވައިފިއެވެ.

މި ރޯޑްޝޯގައި މީރާ ކަނެކްޓްގެ ޚިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތަކުގެ މައުލޫމާތު ފޯރުވައިދީފައިވެއެވެ. މި ގޮތުން ކާޑު މެދުވެރިކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ވާރު ކާޑަށް އެދޭ ފޯމް ވަގުތުން ހުށަހެޅޭނެ އިންތިޒާމުގެ އިތުރުން 30 ޖޫން 2015 ގައި ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ދިނުމާއި، ބީ.ޕީ.ޓީ ބަޔާން ފުރިހަމަކުރުމަށް އެހީތެރިވުމަށް އިންފޮމޭޝަން ޑެސްކްތައް ބަހައްޓާފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ އެކިއެކި ކުޅިވަރުތަކަކާއެކު، އާންމުންނަށާއި ވިޔަފާރިވެރިންނަށް ޓެކުހާބެހޭ އާންމު މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ވެސް ހިންގާފައިވެވެ.

މި ރޯޑްޝޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ގިނަ ފަރާތްތަކަކަށް ޓެކުހާބެހޭ މައުލޫމާތު ދީފައިވެވެ.  އަދި ކުރިއަށް އޮތް ބީ.ޕީ.ޓީ ގެ ސުންގަޑިއާއި ގުޅިގެން މައުލޫމާތު ދިނުމުގެ އިތުރު ހަރަކާތްތަކެއް ދަނީ ރާވަމުންނެވެ. އަދި ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން މި ސުންގަޑިއަށް ސަމާލުވެ ދުރާލާ ބަޔާން ހުށަހަޅާ ފައިސާ ދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ.

14-06-15