ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެގުމަށް ހަމަޖެހިފައިވާ ގްރީން ޓެކްސް ނެގުމާބެހޭ އުސޫލުތައް ހިމެނޭ ގަވާއިދުގެ ޑްރާފްޓް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވައިލައިފިއެވެ.
މީރާގެ ވެބްސައިޓުން ލިބެން ހުރި މި ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖޫން 2015 އެވެ. ޚިޔާލު ހުށަހަޅާނީ އީމެއިލްގެ ޒަރީޢާއިން، comments@mira.gov.mv އަށެވެ.
ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ 1 ނޮވެންބަރު 2015 އިން ފެށިގެން، ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. މި ޓެކްސް ނެގުމަށް ކަނޑައަޅައިފައި ވަނީ 17 ޑިސެންބަރު 2014 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައެވެ.
ގުޅުންހުރި ލިޔުންތައް
1. ގްރީން ޓެކްސް ގަވާއިދުގެ ޑްރާފްޓް:
https://www.mira.gov.mv/rulings/Green_Tax_Regulation_public_consultation.pdf