މޭ މަހުގެ އާމްދަނީގެ ގޮތުގައި މީރާއިން 951.3 މިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2015 ވަނަ އަހަރުގެ މޭ މަހުގެ އާމްދަނީގެ ގޮތުގައި 951.3 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ މޭ މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ %18.9 އިތުރު އަދަދެކެވެ.

މި މޭ މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޮވެންބަރު 2014 ގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ޖީ.އެސް.ޓީ ލިބިފައިވާ އަދަދު %45.6 އިތުރުވުމާއި، އެންފޯސްމަންޓް އެކްޝަންތަކުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް އަދި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެއެވެ.  

2015 ވަނަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި މީރާއިން ވަނީ ޖުމުލަ 5.61 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މިއީ 2014 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %27.3 އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ޓީ.ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވުމާއި، މޭ 2014 އިން ފެށިގެން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުން ހިމެނެއެވެ. 2015 ވަނަ އަހަރުގެ ފުރަތަމަ 5 މަހުގެ ޖުމްލަ އާމްދަނީގެ %51 ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ.

މޭ 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 44.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މޭ 2015 ގައި ލިބިފައިވާ އާމްދަނީއަކީ އެ މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %2.7 އިތުރު އަދަދެކެވެ. މީގެ ސަބަބަކީ އެންފޯސްމަންޓް އެކްޝަންތަކުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް އަދި އޭގެ ޖޫރިމަނާގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.   

ވޭތުވެދިޔަ މޭ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި މޭ މަހުގެ ޖުމްލަ އާމްދަނީގެ %51.5 (490.01 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %21.6 (205.16 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން  ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މޭ މަހުގެ ޖުމްލަ އާމްދަނީގެ %9.3 (88.35 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ބި.ޕީ.ޓީގެ ގޮތުގައި %4.7 (44.41 މިލިއަން ރުފިޔާ) އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި %3.9 (37.06 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

09-06-15