ސްކޫލް ކުދިންގެ ކުރެހުމުގެ އަދި ފޮޓޯނެގުމުގެ މުބާރާތެއް މީރާއިން ހުޅުވާލައިފި

މީރާގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ 'ޓެކްސް ވީކް' ގެ އެއް ހަރަކާތެއްގެ ގޮތުގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ އަދި ފޮޓޯނެގުމުގެ މުބާރާތެއް މީރާއިން ހުޅުވާލައިފިއެވެ. ރާއްޖޭގައި ގްރޭޑް 6 އިން ފެށިގެން މަތީ ގްރޭޑްތަކަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކަށް މި މުބާރާތް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގެ މައުޟޫއަކީ 'ޓެކުހުން އަޅުގަނޑަށް ކުރާ ފައިދާ' އެވެ. ދަރިވަރުން ހުށަހަޅަން ޖެހޭނީ ޓެކްސް ނިޒާމުގެ ސަބަބުން ދަރިވަރަށް ލިބޭ ފައިދާއެއް ނުވަތަ ފައިދާތަކެއް ދައްކުވައިދޭ ކުރެހުމެއް ނުވަތަ ފޮޓޯއެކެވެ. ކުރެހުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 6 އިން 7 ގެ ކެޓަގަރީއާއި ގްރޭޑް 8 އިން 10 ގެ ކެޓަގަރީއެވެ. ފޮޓޯ ނެގުމުގެ މުބާރާތް ހުޅުވާލެވިފައިވަނީ ގްރޭޑް 8 އިން 10 ގެ ކެޓަގަރީއަށާއި ގްރޭޑް 11 އިން 12 ގެ ކެޓަގަރީއަށެވެ. ސްކޫލަކުން ހުށަހެޅޭނެ ވަކި އަދަދެއް ކަނޑައެޅިފައި ނުވިނަމަވެސް، ކޮންމެ ދަރިވަރަކަށް ހުށަހެޅޭނީ އެއް ފޮޓޯ އަދި އެއް ކުރެހުމެވެ. ފޮޓޯ އަދި ކުރެހުން މީރާއަށް ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2015 އެވެ.

މީރާއިން ހުޅުވާލާފައިވާ މި މުބާރާތުގައި ކޮންމެ ކެޓަގަރީއަކަށް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ. ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ދާ ދަރިވަރަކަށް 5,000 ރުފިޔާގެ އިނާމެއް، 2 ވަނަ އަށް ދާ ދަރިވަރަކަށް 3,000 ރުފިޔާގެ އިނާމެއް އަދި 3 ވަނަ އަށް ދާ ދަރިވަރަކަށް 1,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަނަ ހާސިލްކުރާ ކޮންމެ ދަރިވަރަކަށް ސެޓްފިކެޓަކާއި ހަނދާނީ ފިލައެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ marketing@mira.gov.mv އަށް އީމެއިލްކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.

02-06-15