މީރާއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

މީރާއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (އެމް.އީ.ޑީ) އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ އެއް އިދާރާއިން އަނެއް އިދާރާއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުވައިދިނުމަށާއި، ދެ އިދާރާގެ މެދުގައި މައުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މި އެމް.އޯ.ޔޫގެ ސަބަބުން ދެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި ގޮތުން މި އެމް.އޯ.ޔޫގެ ދަށުން، އެމް.އީ.ޑީގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި، އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ އެންމެހާ މައުލޫމާތު އޮންލައިންކޮށް މީރާއާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނިތަކުން ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް އަށް ހުށަހަޅަންޖެހޭ ކުންފުނީގެ އަހަރީ ހިސާބު، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ކުންފުނިތަކުން މީރާއަށް ވެސް ހުށަހެޅުމަށް ލާޒިމްކުރާތީ، ދެ އިދާރާއަށް މި ލިޔެކިއުންތައް ހުށަހެޅުމުގެ ބަދަލުގައި، ހަމައެކަނި މީރާއަށް މި ލިޔެކިއުންތައް ހުށަހެޅުމަށް މަގުފަހިކުރުމަށް ވެސް އެއްބަސްވެވިފައިވެއެވެ. އަދި ކުންފުނިތަކުގެ މާލީ ހިސާބުތަކާ ގުޅޭ ލިޔެކިއުންތަކުގައި ހިމެނޭ މައުލޫމާތު، އޮންލައިންކޮށް އެމް.އީ.ޑީއާ ހިއްސާކުރުމަށް ވެސް ވަނީ އެއްބަސްވެވިފައެވެ. އަދި މި އެމް.އޯ.ޔޫގެ ސަބަބުން ދެ މުއައްސަސާގެ ވަސީލަތްތައް ހިއްސާކުރުމަށް މަގުފަހިވެގެންދިއުމުގެ އިތުރުން އެއް އިދާރާއިން ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި އަނެއް އިދާރާގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ ވެލާނާގޭގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު ސައީދެވެ.

01-06-15