ކުދި ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް މީރާގެ ޓީމްތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަނީ

ކުދި ވިޔަފާރިތަކުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރުކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމަށް، މި މަހުގެ 25 އިން ޖޫން މަހުގެ 25 އަށް މީރާގެ ޓީމްތައް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މީރާގެ އޮންލައިން ސިސްޓަމް "މީރާކަނެކްޓް" އަށް ރަޖިސްޓަރީކޮށް، މީރާކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި ވެސް މީރާގެ ޓީމްތަކުން އެ ފަރާތްތަކަށް އެހީތެރިވެދޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މި ދަތުރުތަކުގައި މީރާގެ ޓީމްތައް ހަރަކާތްތެރިވާނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވައި ނަން ނޯޓުކުރެއްވުމަށް މީރާއިން އެދިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުގެ ހިސާބުކުރާ މުއްދަތު 31 ޑިސެންބަރު 2014 އަށް ނިމޭ ފަރާތްތަކުގެ 2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާނާއި މާލީ ހިސާބުތައް މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2015 އެވެ.

21-05-15