އެޕްރީލް މަހުގެ އާމްދަނީގެ ގޮތުގައި މީރާއިން 940.3 މިލިއަން ރުފިޔާ ބަލައިގެންފި

މީރާއިން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ އާމްދަނީގެ ގޮތުގައި 940.3 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ އެޕްރީލް މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ %14.9 އިތުރު އަދަދެކެވެ.

މި އެޕްރީލް މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޮވެންބަރު 2014 ގައި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ޖީ.އެސް.ޓީ ލިބިފައިވާ އަދަދު %48.5 އިތުރުވުމާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަނެފައިވާ މިންވަރު %58.3 އިތުރުވުމާއި، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ އިތުރުވުން ހިމެނެއެވެ.  

2015 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި މީރާއިން ވަނީ ޖުމުލަ 4.66 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. މިއީ 2014 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %29.4 އިތުރު އަދަދެކެވެ. 2015 ވަނަ އަހަރުގެ މި މުއްދަތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ޓީ.ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމާ ގުޅިގެން ޓީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު އިތުރުވެފައިވުމާއި، މޭ 2014 އިން ފެށިގެން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުން ހިމެނެއެވެ.

އެޕްރީލް 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 41.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އެޕްރީލް 2015 ގައި ލިބިފައިވާ އާމްދަނީއަކީ އެ މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %6.5 އިތުރު އަދަދެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ ގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުން ހިމެނެއެވެ.

ވޭތުވެދިޔަ އެޕްރީލް މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި އެޕްރީލް މަހުގެ ޖުމްލަ އާމްދަނީގެ %69.8 (655.96 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %10.2 (96.34 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އެޕްރީލް މަހުގެ ޖުމްލަ އާމްދަނީގެ %5.8 (54.65 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި %4.3 (40.07 މިލިއަން ރުފިޔާ) އަދި މުދާ ވިއްކައިގެން ލިބުނު ފައިސާ ގޮތުގައި %2.7 (24.49 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

 

12-05-15