އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މީރާއިން ހަމަޖައްސައިފި

ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ދައްކަން ޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު މީރާއިން ހަމަޖައްސައިފިއެވެ. އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ތައާރަފުކުރުމަށް މީރާއިން މިއަދު ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ޢަބްދުﷲ ޖިހާދެވެ.

މި ހަފްލާގައި މީރާއިން ވަނީ ބޭންކްތައް މެދުވެރިކޮށް އެމް.އެމް.އޭ ގެ "މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް" (އެމް.އާރް.ޓީ.ޖީ.އެސް) ފެސިލިޓީގެ ތެރެއިން ފައިސާ ދެއްކޭނެ ނިޒާމަކާއި، ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފުކޮށްފައެވެ. މި ގޮތުން "ވާރު" ކާޑުގެ ނަމުގައި، ހަމައެކަނި މީރާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ބޭނުންކުރެވޭނެ ޑެބިޓް ކާޑެއް ވެސް މީރާއާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން މިއަދު ވަނީ ތައާރަފުކޮށްފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޖިހާދު ވިދާޅުވެފައިވަނީ މީރާއަކީ ޓެކްސް ދައްކާ ފަރާތްތަކާ ރަޙުމަތްތެރި، އަބަދުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންދާ މުއައްސަސާއެއް ކަމަށާއި، މިއަދު ތައާރަފުކުރެވުނު ޚިދުމަތްތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވެސް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ވަރލްޑް ބޭންކްގެ "ޑުއިންގ ބިޒްނަސް" އިންޑެކްސްގައި ދިވެހިރާއްޖޭގެ ދަރަޖަ މައްޗަށް ދާނެކަމުގައި ވެސް ޖިހާދު ވިދާޅުވިއެވެ.

ވާރު ކާޑު އަދި އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނީ 2013 ވަނަ އަހަރު ތައާރަފުކުރެވުނު މީރާގެ އޮންލައިން ޚިދުމަތް "މީރާކަނެކްޓް" ބޭނުންކުރާ ފަރާތްތަކަށް އެކަނި ކަމުގައި މީރާއިން މައުލޫމާތު ދެއްވައެވެ.

11-05-15