މީރާއިން 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 2014 ވަނަ އަހަރަށް ވުރެ ބިލިއަނެއްހާ ރުފިޔާ އިތުރަށް ބަލައިގެންފި

މީރާއިން 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި 3.72 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މި އަދަދަކީ 2014 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ %33.6 އިތުރު އަދަދެކެވެ.

2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަލައިގަނެފައިވާ އާމްދަނީ 2014 ވަނަ އަހަރު ބަލައިގަނެފައިވާ އަދަދަށްވުރެ  އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ޓީ.ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމާ ގުޅިގެން 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު %44.1 އިތުރުވެފައިވުމާއި، 2014 ވަނަ އަހަރުގައި ބަލައިގަނެފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ 2015 ގައި ބަލައިގަނެފައިވުމާއި، ބީ.ޕީ.ޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ 2015 ވަނަ އަހަރަށްވުރެ %26.6 އިތުރުވުން ހިމެނެއެވެ.

2015 ވަނަ އަހަރުގެ މާރިޗު މަހުގެ ޖުމުލަ އާމްދަނީގެ ގޮތުގައި މީރާއިން 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މި އަދަދަކީ 2014 ވަނަ އަހަރު މާރިޗު މަހުގައި ބަލައިގަނެފައިވާ އަދަދަށްވުރެ %29 އިތުރު އަދަދެކެވެ. މި މާރިޗު މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޮވެންބަރު 2014 ގައި ޓޫރިޒަމް ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު %39.1 އިތުރުވުމާއި، ޓޫރިޒަމް ލޭންޑް ރެންޓް ބަލައިގަނެފައިވާ އަދަދު %22.8 އިތުރުވުމާއި، ޓޫރިޒަމް ނޫން ދާއިރާގެ ޖީ.އެސް.ޓީ ބަލައިގަނެފައިވާ މިންވަރު %33.8 އިތުރުވުމާއި،  ޖޫރިމަނާގެ ގޮތުގައި މާރިޗު 2015ގައި ބަލައިގަނެފައިވާ އަދަދު މާރިޗު 2015 އަށްވުރެ 9 ގުނަ އިތުރުވުމާއި، މާރިޗު 2014 ގައި ބަލައިގަނެފައި ނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މާރިޗު 2015 ގައި ބަލައިގަނެފައިވުން ހިމެނެއެވެ.

މާރިޗު 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 63.7 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މާރިޗު 2015 ގައި ލިބިފައިވާ އާމްދަނީއަކީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %18.8 އިތުރު އަދެދެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީގެ ސުންގަޑިކަމަށްވާ 28 ފެބުރުވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 މާރިޗަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ފެބުރުވަރީ މަހުގައި ލިބެންޖެހޭ ޖީ.އެސް.ޓީގެ އާމްދަނީން ބައެއް މާރިޗު މަހުގައި ލިބިފައިވުން ހިމެނެއެވެ. އަދި މާރިޗު 2015 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަނެފައިވުން ހިމެނެއެވެ.

ވޭތުވެދިޔަ މާރިޗު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި މާރިޗު މަހުގެ ޖުމްލަ އާމްދަނީގެ %58.5 (741.94 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %22.3 (283.21 މިލިއަން ރުފިޔާ) އެވެ  މީގެ އިތުރުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވަނީ މާރިޗު މަހުގެ ޖުމްލަ އާމްދަނީގެ %4.2 (53.01 މިލިއަން ރުފިޔާ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ބީ.ޕީ.ޓީގެ ގޮތުގައި %3.9 (49.97 މިލިއަން ރުފިޔާ) އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި %3.6 (45.29 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

09-04-15