މީރާގެ މުވައްޒަފުން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް 32,400/- ރުފިޔާ ހަދިޔާކޮށްފި

މީރާގެ މުވައްޒަފުން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް 32,400/- ރުފިޔާ ހަދިޔާކޮށްފިއެވެ. ވޯލްޑް ޑައުން ސިންޑްރޯމް ޑޭ ފާހަގަ ކުރުމުގެ ގޮތުން މާރިޗު މަހުގައި އެ އެސޯސިއޭޝަނުން ވިއްކާފައިވާ ޓީޝާޓް އަދި އިސްޓާކީނު މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ ގަނެފައެވެ. އަދި އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން 19 މާރިޗުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވެސް މީރާގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ވަނީ ބައިވެރިވެރިވެފައެވެ.

މީރާގެ މުވައްޒަފުންގެ ފަރާތުން މި ހަދިޔާ ޑައުން ސިންޑްރޯމް އެސޯސިއޭޝަނާ ހަވާލު ކުރައްވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެފައިވަނީ މީރާއަކީ ކިތަންމެ ހަގު މުއައްސަސާއެއް ކަމުގައި ވީނަމަވެސް މީރާގެ މުވައްޒަފުންނަކީ މިފަދަ އިޖްތިމާޢީ ކަންތައްތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި ފަދަ ހަރަކާތްތަކުގައި މީރާއިން ބައިވެރިވެ އެއްބާރުލުންދޭނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އަންސަމް އަޙްމަދު ވިދާޅުވެފައިވަނީ މީރާއަކީ މި ފަދަ ކަންކަމުގައި ނާމޫނާ މުއައްސަސާއެއް ކަމަށާއި، މީރާގެ ފަރާތުން ލިބޭ މި ފަދަ އެއްބާރުލުމާއި އެހީތެރިކަމުން އެ ބޭފުޅުންނަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށެވެ. 

09-04-15