މީރާއާއި އެޗް.ޑީ.ސީ ގުޅިގެން ހުޅުމާލެ އަތިރިމަތި ސާފުކޮށްފި

މީރާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން އިއްޔެ ހުޅުމާލެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. 'ހޭވައްލާ ސާފުކުރަމާ' މި ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މީރާގެ 169 ސްޓާފުންގެ އިތުރުން، އެޗް.ޑީ.ސީގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. ހަވީރު 16:00 ގައި ފެށި މި ހަރަކާތުގެ ތެރޭގައި ހުޅުމާލޭގެ އިރުމަތި ފަރާތު އަތިރިމަތީގެ ބޮޑު ބަޔަކާއި ބާބަކިއު ސަރަހައްދު ވަނީ ސާފުކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި 4 ލޮރީގެ ކުނިވަނީ އުކާލެވިފައިވެއެވެ. މި މަސައްކަތަށް ބޭނުން ކުރެވުނު ކޮތަޅުތަކަކީ ސައިކްލި-ކިއު އެންޓަރޕްރައިޒަސްއިން ހަދިޔާކުރި އޮކްސޯ-ބައޯޑިގްރޭޑަބަލް ކޮތަޅުތަކެކެވެ.

އިއްޔެ ހަވީރު ބޭއްވި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މި ހަރަކާތަކީ މީރާގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށާއި، މީރާގެ މުވައްޒަފުންނަކީ އަބަދުވެސް އިސްނަގައިގެން އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ޝައުގުވެރިކަން ހުންނަ މުވައްޒަފުންތަކެއް ކަމަށެވެ. އަދި މީރާގެ މުވައްޒަފުންގެ ކްލަބް، 'މީރާ ކްލަބް' މެދުވެރިކޮށް މީރާގެ މުވައްޒަފުން އަމިއްލައަށް ޚަރަދުކޮށްގެން މި ފަދަ އެތައް ހަރަކާތެއް ހިންގާފައިވާ ކަމަށާއި، ކުރިއަށް އޮތްތާނގައި ވެސް މި ފަދަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ޔަޒީދު ވިދާޅުވެފައިވެއެވެ.

މި ހަރަކާތް ރާވައި ހިންގުމުގައި އެޗް.ޑީ.ސީ އާއި އެމް.ޓީ.ސީ.ސީ އިން މީރާއަށް ވެދެއްވާފައިވާ އެހީތެރިކަމަށް އެ އޮތޯރިޓީން ޝުކުރު އަދާކުރެއެވެ.

29-03-15