2014 ވަނަ އަހަރު ހަތަރުވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ މާލެ ސަރަޙައްދުގެ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް މީރާއިން ޢަމަލު ކުރަމުންދާ އުސޫލުގެ ދަށުން، 2014 ވަނަ އަހަރު ހަތަރުވަނަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ހިމެނެނީ އޮކްޓޫބަރު 2014 އިން ޑިސެންބަރު 2014 ގެ ޓެކްސް ނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތެވެ. ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތްކޮށްފައެވެ.

2014 ވަނަ އަހަރުގެ ހަތަރުވަނަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި އަދި ޖީ.އެސް.ޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 17 ފަރާތަކާއި ޓޫރިޒަމް ނޫން ދާއިރާތަކުގެ 88 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.  ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތެއްގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ގޮތުންމަތިން މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

18-03-15