ފެބުރުވަރީ މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 905.7 މިލިއަން ރުފިޔާ ލިބިއްޖެ

2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ޖުމުލަ އާމްދަނީގެ ގޮތުގައި މީރާއިން 905.7 މިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މި އަދަދަކީ 2014 ވަނަ އަހަރު ފެބުރުވަރީ މަހުގައި ބަލައިގަނެފައިވާ އަދަދަށްވުރެ %84.7 އިތުރު އަދަދެކެވެ. މި ފެބުރުވަރީ މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޮވެންބަރު 2014 ގައި ޓޫރިޒަމް ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު %32.7 އިތުރުވުމާއި، ޓޫރިޒަމް ނޫން ދާއިރާގެ ޖީ.އެސް.ޓީ ބަލައިގަނެފައިވާ މިންވަރު 18.9% އިތުރުވުމާއި، ފެބުރުވަރީ 2014 އާ އަޅާބަލާއިރު ބަލައިގަނެފައިވާ ބީ.ޕީ.ޓީގެ އަދަދު 232% އިތުރުވުމާއި، ފެބުރުވަރީ 2014 ގައި ބަލައިގަނެފައި ނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ފެބުރުވަރީ 2015 ގައި ބަލައިގަނެފައިވުން ހިމެނެއެވެ. 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހަށްވުރެ %232 އިތުރަށް 2015 ފެބުރުވަރީ މަހު ލިބިފައިވާ ސަބަބަކީ ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިކަމަށްވާ 31 ޖަނަވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 ފެބުރުވަރީއަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ޖަނަވަރީ މަހުގައި ލިބެންޖެހޭ ބީ.ޕީ.ޓީގެ އާމްދަނީން ބައެއް ފެބުރުވަރީ މަހުގައި ލިބިފައިވުމުންނެވެ.  

ފެބުރުވަރީ 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 41.1 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ފެބުރުވަރީ 2015 ގައި ލިބިފައިވާ އާމްދަނީއަކީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ 17.6% ދަށް އަދެދެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޖީ.އެސް.ޓީގެ ސުންގަޑިކަމަށްވާ 28 ފެބުރުވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 މާރިޗަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ފެބުރުވަރީ މަހުގައި ލިބެންޖެހޭ ޖީ.އެސް.ޓީގެ އާމްދަނީން ބައެއް މާރިޗު މަހުގައި ލިބިފައިވުން ހިމެނެއެވެ. އަދި ޖަނަވަރީ 2015 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވުނު އަދަދަށްވުރެ 17% މަދުން ފަތުރުވެރިން އައިސްފައިވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައި ވުން ވެސް ހިމެނެއެވެ.

ވޭތުވެދިޔަ ފެބުރުވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި ފެބުރުވަރީ މަހުގެ ޖުމްލަ އާމްދަނީގެ %41.8 (378.82 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ 21% (190.17 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިވަނީ ފެބުރުވަރީ މަހުގެ ޖުމްލަ އާމްދަނީގެ %20.8 (188.28 މިލިއަން ރުފިޔާ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި %3.8 (34.42 މިލިއަން ރުފިޔާ) އަދި އެއަރޕޯޓް ސަރވިސް ޗާޖުގެގޮތުގައި %3.7 (33.88 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

2015 ވަނަ އަހަރުގެ މިހާތަނަށް މީރާއިން 2.45 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށްވުރެ %36.2 އިތުރު އަދަދެކެވެ.

10-03-15