މީރާއާ ދެކޮޅަށް އާދަމް ނަޞީރު އިސްތިއުނާފްކުރި މައްސަލައިގެ ޙުކުމް ހައިކޯޓުން އިއްވައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އާދަމް ނަޞީރު (ދަފްތަރު ނަންބަރު 5103) އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް އާދަމް ނަޞީރު ކުއްޔަށް ހިފާފައިވާ ރަށެއްކަމުގައިވާ ނ. ކަލައިދޫއާ ގުޅިގެން ދައްކަންޖެހޭ ކުއްޔާއި، ކަނޑައެޅިފައިވާ ގޮތަށް ކުލި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން 16 ޖޫން 2014 ގައި ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ. ހައިކޯޓުން މި ގޮތަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމް އާދަމް ނަޞީރު އިސްތިއުނާފުކުރުމާ ގުޅިގެން އެ މައްސަލައިގައި 23 ފެބުރުވަރީ 2015 ގައި އިއްވި ހުކުމުގައެވެ.

16 ޖޫން 2014 ގައި ސިވިލް ކޯޓުން ކުރެއްވި ހުކުމުގައި އެ ކޯޓުން ވަނީ އާދަމް ނަޞީރު ނ. ކަލައިދޫގެ ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި، ކަނޑައެޅިފައިވާ ގޮތަށް ކުލި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާ އެކު 8,143,257/28ރ. މީރާއަށް 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަމުރުކުރައްވާފައެވެ.

ސިވިލް ކޯޓުގެ މި ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށް، މީރާއަކީ ހަމައެކަނި ޓެކްސް އަދި ޓެކުހާ ގުޅުންހުރި ފައިސާއާ މެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމުގެ ބާރު ލިބިފައިވާ މުއައްސާއެއްކަމަށް އާދަމް ނަޞީރުގެ ފަރާތުން ހުށަހަޅާފައިވެއެވެ. އަދި އާދަމް ނަޞީރު ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ހިސާބުކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އާދަމް ނަޞީރު އާ ދެމެދު ވެވުނު އެއްބަސްވުމުގެ 44 ވަނަ އަދި 45 ވަނަ މާއްދާ، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި ޤާޟީ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ވެސް އާދަމް ނަޞީރުގެ ފަރާތުން ހުށަހަޅާފައިވެއެވެ.

ނަމަވެސް ހައިކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޓެކުހަށް ނުވާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މީރާއަށް ލިބިފައިވާކަމަށް ހައިކޯޓުން މީގެ ކުރިން ނިންމަވާފައިވާ 3 މައްސަލައެއްގައި ކަނޑައަޅުއްވާފައިވާކަމަށް ފާހަގަކުރައްވައި، ސުޕްރީމް ކޯޓުން މިއިން ނިންމުމެއްގެ ޙުކުމް ބަދަލުކުރައްވާފައިނުވާކަމަށް ވެސް ބަޔާންކުރައްވާފައިވެއެވެ. އަދި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އާދަމް ނަޞީރު އާ ދެމެދު ވެވުނު އެއްބަސްވުމުގެ 44 ވަނަ އަދި 45 ވަނަ މާއްދާ މާނަކުރައްވާފައިވަނީ ވަކިގޮތަކަށްކަމަށް އެނގެންނެތްކަމަށް ވެސް ހައި ކޯޓުގެ ނިންމެވުމުގައި ފާހަގަކުރާއްވާފައިވެއެވެ.

މި ގޮތުން، އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ ޤާނޫނީ ނުވަތަ ޝަރުޢީ ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ނުކުތާތަކެއް ނޫންކަމަށާއި، އެ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.

24-02-15