މީރާގެ އެންފޯސްމަންޓް ޕޮލިސީ ގެޒެޓުކޮށްފި

މީރާގެ އެންފޯސްމަންޓް ޕޮލިސީ ދިވެހި ޝަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފިއެވެ. މިއީ މީރާއިން ބަލައިގަންނަ ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި އެ ނޫން ވެސް ފައިސާއާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އެގްރީމެންޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފައިސާ ނުދައްކާ ފަރާތްތަކުގެ ކިބައިން އެ ފައިސާ ހޯދުމަށްޓަކައި ޤާނޫނުތަކުން މީރާއަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލެވެ.

19 ފެބުރުވަރީ 2015 ގައި ގެޒެޓްކުރި މި ޕޮލިސީއަކީ މީރާއިން ފައިސާ ހޯދުމުގައި މިހާރު ވެސް ގެޒެޓުކޮށްގެން ޢަމަލުކުރަމުންދާ އެކި ޕޮލިސީތައް އެއް ޕޮލިސީއެއްގެ ދަށަށް ގެނެސް ޝާއިއުކުރެވުނު ޕޮލިސީއެކެވެ. އެންފޯސްމަންޓް ޕޮލިސީގެ ތެރޭގައި ހިމެނޭ ވަކިވަކި އުސޫލުތަކަކީ އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުސޫލާއި، ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގެ އުސޫލާއި، ފައިސާ ނުދައްކާ ފަރާތްތަކާމެދު ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ އުސޫލާއި، ތިންވަނަ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް އެންގުމުގެ އުސޫލާއި، ސިވިލް ކޯޓުގައި ދައުވާ އުފުލުމުގެ އުސޫލާއި، އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އުސޫލާއި، ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު އަދި ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުސޫލެވެ. އައު އެންފޯސްމަންޓް ޕޮލިސީއަށް ޢަމަލުކުރަން ފެށުމާއެކު، މީގެ ކުރިން ޢަމަލުކުރަމުންދިޔަ ކަމާބެހޭ އުސޫލުތައް ވަނީ ބާޠިލުކުރެވިފައެވެ.

21-02-15