ދައުލަތަށް ދައްކަންޖެހޭ ފައިސާ ހުރިނަމަ ސަރުކާރުން ދޭ ޚިދުމަތްތައް މެދުކަނޑައިލުން ޤާނޫނާ ޚިލާފެއް ނޫން: ސިވިލް ކޯޓު

ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކަށް ސަރުކާރުން ދޭ ޚިދުމަތްތައް، މާލިއްޔަތާބެހޭ ސަރކިއުލަރ 2011/07 ގެ ދަށުން މެދުކަނޑައިލުމަކީ ޤާނޫނުއަސާސީއާ ވެސް އަދި ޤާނޫނާ ވެސް ޚިލާފު ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.

 

ސިވިލް ކޯޓުން މި ގޮތަށް ނިންމެވީ ޓްރެވެލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ރަޖިސްޓަރީކޮށް އޮޕަރޭޓްކުރަމުންދާ "ކޮންޓެ މެކްސް" ސަފާރީ އޮޕަރޭޓްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހެޅުމުން، އެ ހުއްދަ އައުކޮށްދެވެން ނެތްކަމަށް އެ މިނިސްޓްރީން ނިންމައިފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ސައްހަ ނިންމުމެއް ނޫންކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްދިނުމަށާއި އޮޕަރޭޓްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެ މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ދިވެހިދައުލަތުގެ މައްޗަށް އެ ކުންފުނިން ދަޢުވާކޮށްފައިވާ މައްސަލައިގައި 10 ފެބުރުވަރީ 2015 ވަނަ ދުވަހު އިއްވެވި ޙުކުމްގައެވެ. ސިވިލް ކޯޓުން ވަނީ މި މައްސަލައިގެ ތެރެއަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ތަދައްޚުލްކުރުވައިފައެވެ.

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 27 އެޕްރީލް 2011 ގައި ނެރެފައިވާ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 07/2011 ގައި ވާ ގޮތުން، އެއްވެސް ފަރާތަކަށް އޮޕަރޭޓިންގ ލައިސަންސް ދިނުމުގެ ކުރިން ނުވަތަ ލައިސަންސެއް އައުކުރުމުގެ ނުވަތަ ބަދަލުކުރުމުގެ ކުރިން ނުވަތަ ދައުލަތުގެ މުއައްސަސާތަކުން ދޭންޖެހޭ ހުއްދަތައް ދިނުމުގެ ކުރިން އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ނެތްކަން އެ މުއައްސަސާއަކުން މީރާއަށް ލިޔުމުން ހުށަހަޅައި ކަށަވަރުކުރަންޖެހެއެވެ.

 

މި މައްސަލައިގައި ޓްރެވެލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދަޢުވާގައި، އެ ސަރކިއުލަރގެ ދަށުން ކަމެއް ތަންފީޒުކުރަން ބޭނުންވާނަމަ އެ ކަން ކުރަންޖެހޭނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަމަށާއި، މި މައްސަލައިގައި އެ ކަން ކޮށްފައިވަނީ މީރާއިން ކަމަށާއި، އެ ސަރކިއުލަރގެ ދަށުން ކޮންޓެ މެކްސް ސަފާރީގެ ހުއްދަ އައުކޮށްދިނުމާމެދު އިއުތިރާޒުކުރުމުގެ ފުރުސަތެއް މީރާއަށް ލިބިގެންނުވާ ކަމަށް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ހުއްދަ އައުކޮށްދިނުމާމެދު އެ ސަރކިއުލަރގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމުން މީރާގެ ލަފައަކަށް އެދުމުން، އެ ކަމާމެދު މީރާއިން އިއުތިރާޒުކުރާކަމަށް ބުނެފައިވާ ބުނުމަކީ އެ ސަރކިއުލަރގެ ދަށުން މީރާއަށް ލިބިނުދޭ ބާރެއްގެ ބޭނުންކޮށްގެން ބުނެފައިވާ ބުނުމެއްކަމުގައި ބެލޭނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކުރައްވާފައެވެ.

12-02-15