ޖަނަވަރީ މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 1.55 ބިލިއަން ރުފިޔާ ލިބިއްޖެ

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ޖުމުލަ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.55 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މި އަދަދަކީ 2014 ވަނަ އަހަރު ޖަނަވަރީ މަހުގައި ބަލައިގަނެފައިވާ އަދަދަށްވުރެ %18 އިތުރު އަދަދެކެވެ. މި ޖަނަވަރީ މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ނޮވެންބަރު 2014 ގައި ޓޫރިޒަމް ޖީ.އެސް.ޓީ ރޭޓު %12 އަށް އިތުރުވުމުން ޓޫރިޒަމް ޖީ.އެސް.ޓީ ބަލައިގަނެފައިވާ އަދަދު %62.7 އިތުރުވުމާއި، ޓޫރިޒަމް ނޫން ދާއިރާގެ ޖީ.އެސް.ޓީ ބަލައިގަނެފައިވާ މިންވަރު %17.3 އިތުރުވުމާއި، ޖަނަވަރީ 2014 އާ އަޅާބަލާއިރު ބަލައިގަނެފައިވާ ބީ.ޕީ.ޓީގެ އަދަދު %13.2 އިތުރުވުމާއި، ޖަނަވަރީ 2014 ގައި ބަލައިގަނެފައި ނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ޖަނަވަރީ 2015 ގައި ބަލައިގަނެފައިވުން ހިމެނެއެވެ. ފާހަގަކުރެވޭ އެހެނިހެން ބަދަލުތަކުގެ ތެރޭގައި ޖަނަވަރީ 2015 ގައި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ %4.1 ދަށްވެފައިވެއެވެ. އަދި ނޮވެންބަރު 2014 ނިމުމާއެކު ޓޫރިޒަމް ޓެކްސް ނެގުން ހުއްޓާލުމާ ގުޅިގެން، ޖަނަވަރީ 2015 ގައި ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ވަރަށް ކުޑަ އަދަދެކެވެ.

 ޖަނަވަރީ 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 48.8 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

ޖަނަވަރީ 2015 ގައި ލިބިފައިވާ އާމްދަނީއަކީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %3.8 ދަށް އަދެދެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޑިސެންބަރު 2014 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން އައިސްފައިނުވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައި ވުން ހިމެނެއެވެ. އަދި ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިކަމަށްވާ 31 ޖަނަވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 ފެބުރުވަރީއަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ޖަނަވަރީ މަހުގައި ލިބެންޖެހޭ ބީ.ޕީ.ޓީގެ އާމްދަނީން ބައެއް ފެބުރުވަރީ މަހުގައި ލިބިފައިވުން ވެސް ހިމެނެއެވެ.  

ވޭތުވެދިޔަ ޖަނަވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. ބީ.ޕީ.ޓީގެ ގޮތުގައި ޖަނަވަރީ މަހުގެ ޖުމްލަ އާމްދަނީގެ %48.2 (744.4 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %38.7 (597.9 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވަނީ ޖަނަވަރީ މަހުގެ ޖުމްލަ އާމްދަނީގެ %5.2 (80.4 މިލިއަން ރުފިޔާ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި %2.6 (40.9 މިލިއަން ރުފިޔާ) އަދި ރެޒިޑެންޓް ޕާމިޓުގެ ގޮތުގައި %1.2 (18.2 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. 

10-02-15