ޓެކްސް ނުދައްކައިވާ ދެ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރަމުންދާ 'ޕްރިންސަސް ދޮންކަމަނަ' ސަފާރީ އިން ދައުލަތަށް ނުދައްކައިވާ ބެޑް ޓެކްސް އަދި ސުންގަޑިއަށް ބެޑް ޓެކްސް ދައްކައި ބެޑް ޓެކްސް ޝީޓް ހުށަހަޅާފައި ނުވުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާއާއި، އިބްނިއްތާސިއު މުސްޠަފާ (ހަވީރީ އުފާ، ގދ. ފިޔޯރީ) ދައުލަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީއާއި ސުންގަޑިއަށް ޖީ.އެސް.ޓީ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

މިގޮތުން ގްލޯބަލް ކްރައުން ޕްރައިވެޓް ލިމިޓެޑުން ބެޑް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ 2,072$ (ދެހާސް ހަތްދިހަ ދޭއް އެމެރިކާ ޑޮލަރު) އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 65,000/-ރ. (ފަސްދޮޅަސް ފަސް ހާސް ރުފިޔާ)، 25 ޖަނަވަރީ 2015 އިން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ. އަދި މި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި 'ޕްރިންސަސް ދޮންކަމަނަ' ސަފާރީގެ ނޮވެންބަރު 2013 ގެ ބެޑް ޓެކްސް ޝީޓް ހުށަހެޅުމަށް ވެސް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

އިބްނިއްތާސިއު މުސްޠަފާއާ ދެކޮޅަށް މީރާއިން އުފުލި ދައުވާގައި ސިވިލް ކޯޓުން އިއްވެވި ހުކުމުގައި، އިބްނިއްތާސިއު މުސްތަފާ ޖީ.އެސް.ޓީ ގެ ގޮތުގައި ދައްކަން ޖެހޭ 70,125/- (ހަތްދިހަސާސް އެއް ސަތޭކަ ފަންސަވީސް ރުފިޔާ) އަދި ކަނޑައެޅިފައިވާ ތާރީޚަށް ޖީ.އެސް.ޓީ ނުދެއްކުމުން 15 ނޮވެންބަރު 2014 އާ ހަމަޔަށް ކުރެވިފައިވާ 74,973/- (ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ހަތްދިހަތިން ރުފިޔާ) ގެ ޖޫރިމަނާއާއެކު ޖުމުލަ 145,098/- (އެއްލައްކަ ސާޅީސް ފަސްހާސް ނުވަދިހަ އަށް ރުފިޔާ)، 25 ޖަނަވަރީ 2015 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވެއެވެ.

27-01-15