އޮޑިޓަރުންގެ ކެޓަގަރީ ކަނޑައެޅުމުގައި ލުއިތަކެއް ގެނެސްފި

މީރާގައި އޮޑިޓަރުން ރަޖިސްޓަރީކުރެވޭ ކެޓަގަރީތައް ކަނޑައެޅުމުގައި ބަލާ މިންގަނޑަށް ލުއިތަކެއް ގެނެސްފިއެވެ. މީރާއިން ނެރުނު ޓެކްސް ރޫލިންގ TR-2015/B39 ގައި އޮޑިޓަރުންގެ އެކި ކެޓަގަރީތަކުގައި ރަޖިސްޓަރީކުރުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން ބައެއް ޝަރުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މި ގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ކެޓަގަރީ C ގެ ޝަރުތެއްގެ ގޮތުގައި އޮޑިޓް ނުވަތަ އެޝޫރަންސްގެ ތަޖުރިބާ ބޭނުންވާ މިންވަރު ވަނީ ކުޑަކުރެވިފައެވެ. އެކައުންޓަންސީ ނުވަތަ އޮޑިޓިންގ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ކޮލިފިކޭޝަން ހޯދާފައިވާ ފަރާތްތަކުން 1 (އެކެއް) އަހަރު ދުވަހުގެ އޮޑިޓް ނުވަތަ އެޝޫރަންސް ތަޖުރިބާ ލިބިފައިވާނަމަ، އެ ފަރާތްތަކުގެ މި ޝަރުތު ފުރިހަމަވާގޮތަށް މި ރޫލިންގއިން ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން އެ ފަދަ ފަރާތްތަކުގެ ކިބައިގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ހުންނަންޖެހެއެވެ. އަދި މި ދާއިރާއިން އަންޑަރގްރެޖުއޭޓް ކޮލިފިކޭޝަން ހާސިލްކޮށްފައިވާ ފަރާތްތަކުން ބޭނުންވާ ތަޖުރިބާގެ މުއްދަތު ވަނީ 5 (ފަހެއް) އަހަރުން 3 (ތިނެއް) އަހަރަށް މަދުކުރެވިފައެވެ.

މީގެ އިތުރުން، ކޮލިފިކޭޝަން ހާސިލުކުރުމަށްފަހު 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް މީރާގެ ކެޓަގަރީ C  ގެ އޮޑިޓަރެއްގެ ގޮތުގައި 2 (ދޭއް) އަހަރުދުވަސް ހަމަކޮށްފިނަމަ، އެ ފަރާތަކުން ކެޓަގަރީ B ގެ އޮޑިޓަރަކަށް ވުމުގެ ޝަރުތު ފުރިހަމަވާނެއެވެ. އަދި ކެޓަގަރީ B ގައި ޕާޓްނަރޝިޕެއް ރަޖިސްޓަރީ ކުރާނަމަ އެ ޕާޓްނަރޝިޕްގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ ދިވެހި ރައްޔިތެއްކަމުގައި ވާންޖެހޭނެ ޝަރުތުވެސް ވަނީ އިތުރު ކުރެވިފައެވެ.

މިގޮތަށް އޮޑިޓަރުންގެ ގިންތިތައް ކަނޑއަޅާ މިންގަނޑުތަކަށް ބަދަލު ގެނައުމުގެ މަޤްޞަދަކީ ގިނަ ފަރާތްތަކަށް އޮޑިޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމެވެ. އަދި މި ގެނެވުނު ބަދަލުތަކުގައި މީރާއިން ލައިސަންސް ލިބިގެން މަސައްކަތް ކުރަމުންދާ އޮޑިޓަރުންނަށް ކުރިއަށް ދެވޭނެ މަގުތައް ހޯދައިދިނުމަށް އިސްކަމެއް ދެވިފައިވާކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.,

މީރާއިން އިއްޔެ ނެރެފައިވާ ޓެކްސް ރޫލިންގައި އޮޑިޓް ނުވަތަ އެޝޫރަންސްގެ ތަޖުރިބާ ބަލާނެގޮތް ވެސް ވަނީ ހާމަކޮށްފައެވެ. މި ރޫލިންގައި ވާގޮތުން އޮޑިޓް އަދި އެޝޫރަންސް ތަޖުރިބާކަމުގައި ބެލެވޭނީ މާލީ ހިސާބުތަކުގެ އެކްސްޓަރނަލް އޮޑިޓް ކުރުމުންނާއި، އިންޓަރނަލް އޮޑިޓްކުރުމުން ލިބިފައިވާ ތަޖުރިބާ އެކަންޏެވެ. މީގެ ތެރޭގައި އެހެނިހެން އެކައުންޓަންސީ އަދި އެޑްވައިޒަރީ ޚިދުމަތްތައް ނުހިމޭނެކަމަށްވެސް މި ރޫލިންގައި ބަޔާންކޮށްފައިވެއެވެ.

މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ އޮޑިޓަރުން ވެސް، ފާއިތުވި އަހަރު އެ އޮޑިޓަރަކު ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަންގައިދޭ އަހަރީ ރިޕޯޓެއް ހުށަހަޅަން ޖެހޭނެކަމަށް ވެސް މި ރޫލިންގައިވެއެވެ. މިގޮތުން ކޮންމެ އަހަރެއްގެ 31 މާރިޗުގެ ނިޔަލަށް ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭނެކަމަށް މި ރޫލިންގައި ބަޔާންކޮށްފައިވެއެވެ.

14-01-15