ބ. އުނޑޫދޫގެ ކުއްޔާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރައްވައިފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދިގު މުއްދަތަކަށް ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ރަށެއްކަމުގައިވާ ބ. އުނޑޫދޫއާ ގުޅިގެން ދައްކަންޖެހޭ ކުއްޔާއި، ކަނޑައެޅިފައިވާ ގޮތަށް ކުލި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ ފަރާތުގެ މައްޗަށް މީރާއިން ހުށަހެޅި މައްސަލައިގެ ހުކުމް ސިވިލް ކޯޓުން އިއްވަވައިފިއެވެ.

11 ޖަނަވަރީ 2015 ގައި އިއްވެވި ހުކުމުގައި ސިވިލް ކޯޓުން ނިންމަވާފައިވަނީ ނެޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކޮށްފައިވާ އޮނިގަނޑާ އެއްގޮތަށް، ދަނޑުވެރިކަމާއި މަސްވެރިކަންކުރުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިހުރި ފަޅު ރަށްރަށް އަދި އަލަށް ދޫކުރެވޭ ފަޅު ރަށްރަށާއި ފަޅުތަކުގެ ކުލި 1 ޖަނަވަރީ 2012 އިން ފެށިގެން ބަދަލުކުރުމަށް އެ ކައުންސިލުން ނިންމައި، ކުލި ބަދަލުކުރަން އެދޭ ފަރާތްތަކުން 29 ފެބުރުވަރީ 2012 ގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއަށް ލިޔުމުން ހުށަހެޅުމަށް އާންމު އިއުލާނެއްކުރުމުން، ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެގޮތުގެ މަތިން އެދިފައިވީ ނަމަވެސް ކުލި ކުޑަކުރިކަން އެ ފަރާތަށް މިނިސްޓްރީއިން އަންގާފައިނުވާތީ، ބަޔާންކުރި އިއުލާނާ ގުޅިގެން ވަގުތުން ކުލި ބަދަލުވެގެން ނުދާނެކަމަށެވެ. އަދި ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ދެ ފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން މެނުވީ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަން ބަޔާންކޮށްފައިވުމާއެކު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން، ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާ ދެމެދު ވެފައިވާ އެއްބަސްވުން އިސްލާޙު ނުކުރާހާ ހިނދަކު ކުލި ދައްކަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތަށްކަމަށް ވެސް މި ހުކުމުގައި ނިންމަވާފައިވެއެވެ.

ސިވިލް ކޯޓުން އިއްވެވި ހުކުމުގައި ބ. އުނޑޫދޫގެ ކުއްޔާއި، ކުލި ދައްކަން ޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ، 11 ޖަނަވަރީ 2015 އިން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ވިކްޓޯރިއާ އިންވެސްޓްމަންޓުން މީރާއަށް ދައްކައި ޚަލާޞްކުރުމަށް އަންގަވާފައިވެއެވެ. މިގޮތުން ވިކްޓޯރިއާ އިންވެސްޓްމަންޓުން ބ. އުނޑޫދޫގެ ކުލީގެ ގޮތުގައި 313,792/17 (ތިންލައްކަ ތޭރަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ ސަތާރަ ލާރި) އާއި ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 384,785/- (ތިންލައްކަ އަށްޑިހަ ހަތަރުހާސް ހަތްސަތޭކަ އަށްޑިހަ ފަސް ރުފިޔާ) އާ އެކު ޖުމުލަ 698,577/17 (ހަލައްކަ ނުވަދިހައަށްހާސް ފައްސަތޭކަ ހަތްދިހަ ހަތް ރުފިޔާ ސަތާރަ ލާރި) މީރާއަށް ދައްކަން ޖެހެއެވެ.

14-01-15