2014 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 11.48 ބިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި މީރާއިން 11.48 (އެގާރަ ޕޮއިންޓް ހަތަރެއް އަށެއް) ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ އެ އަހަރުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %8.8 (އަށެއް ޕޮއިންޓް އަށެއް އިންސައްތަ) އިތުރު އަދެދެކެވެ. އަދި މި އަދަދަކީ 2013 ވަނަ އަހަރު ބަލައިގަނެފައިވާ 8.98 (އަށެއް ޕޮއިންޓް ނުވައެއް އަށެއް) ބިލިއަން ރުފިޔާއަށްވުރެ %27.8 (ހަތާވީސް ޕޮއިންޓް އަށެއް އިންސައްތަ) އިތުރު އަދަދެކެވެ. 2014 ވަނަ އަހަރު ބަލައިގަނެފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި އެއަރޕޯޓް ސަރވިސް ޗާޖް ނެގޭ ރޭޓް ބޮޑުވުމާއި، މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަން ފެށުމާއި، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އަލުން ނަގަން ފެށުން ހިމެނެއެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، އިޤްތިސާދު ކުރިއެރުމުގެ ސަބަބުން އާމްދަނީއަށް ހެޔޮ ބަދަލު އައިސްފައިވެއެވެ.

2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވަނީ 999.3 (ނުވަ ސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 51.1 (ފަންސާސް އެކެއް ޕޮއިންޓް އެކެއް) މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

2014 ވަނަ އަހަރުގެ ޑިސެންބަރު ލިބުނު އާމްދަނީއަކީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލިބުނު އާމްދަނީއަށްވުރެ %31.6 (ތިރީސް އެކެއް ޕޮއިންޓް ހައެއް އިންސައްތަ) އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ބީ.ޕީ.ޓީ އަދި ޖޫރިމަނާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އިތުރުވުމެވެ.

ޑިސެންބަރު 2014 ގައި ލިބިފައިވާ އާމްދަނީއަކީ އެ މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށްވުރެ %5.7 ދަށް އަދަދެކެވެ. އަންދާޒާ ކުރި އަދަދަށްވުރެ މަދުން ލިބިފައިވަނީ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ޝެޑިއުލާ ތަފާތުކޮށް ޓޫރިޒަމް ލޭންޑް ރެންޓުގެ ފައިސާ ލިބިފައިވުމާއި، ނޮވެންބަރު 2014 ގައި ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރިވަރަށްވުރެ މަދުން ފަތުރުވެރިން އައުމުން ފަތުރުވެރިކަމާ ގުޅޭ އާމްދަނީތައް މަދުވެފައިވުމެވެ.

ވޭތުވެދިޔަ ޑިސެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި ޑިސެންބަރު މަހުގެ ޖުމްލަ އާމްދަނީގެ %51 (ފަންސާސް އެކެއް އިންސައްތަ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި، ޖުމްލަ އާމްދަނީގެ %25.8 (ފަންސަވީސް ޕޮއިންޓް އަށެއް އިންސައްތަ) އެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ޑިސެންބަރު މަހުގެ ޖުމްލަ އާމްދަނީގެ %6.9 (ހައެއް ޕޮއިންޓް ނުވައެއް އިންސައްތަ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 5.3% (ފަހެއް ޕޮއިންޓް ތިނެއް އިންސައްތަ) އަދި ބީ.ޕީ.ޓީގެ ގޮތުގައި 5% (ފަހެއް އިންސައްތަ) ލިބިފައިވެއެވެ. 

08-01-15