މީރާގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާ ކޮށްފި

މީރާގެ މުވައްޒަފުން ހިންގާ މީރާ ކްލަބުން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމަކީ މީރާ ކްލަބުން އިންތިޒާމުކޮށް، މީރާގެ މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރުމަށް ކޮންމެ އަހަރަކު ވެސް ހިންގަމުންދާ ސިލްސިލާ ހަރަކާތެކެވެ.

       އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ދިޔަ މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރުމަށްޓަކައި ގަނެފައިވާ ތަކެތި ރަސްމީކޮށް ހަވާލުކޮށްފައެވެ. އަދި ހިޔާގައި ތިބި ކުދިން ހިތް އުފާކޮށްލުމަށްޓަކައި  އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް ހަވީރުގެ ސަޔާއި އެކު އުފާވެރި ހަވީރެއް ވެސް ވަނީ ބާއްވާފައެވެ. މި ޕްރޮގްރާމުގައި މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރު، ސީނިއަރ މެނޭޖްމަންޓް އަދި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ޝަފީގު އަދި އެހެނިހެން މަސްއޫލުވެރި ފަރާތްތަކާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

       މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެފައިވަނީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުން ވަރަށް ބޮޑު ތަރުހީބެއް ދީގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، މީރާގެ ފަރާތުން ކުރިއަށް އޮތްތާގައި ވެސް ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ލިބޭނެކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ މީރާއަކީ އުމުރުން ހަގު މުއައްސަސާއެއް ނަމަވެސް މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއް ކަމަށެވެ. އަދި މީރާގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ލިބެމެންދާ އެހީތެރިކަމަށް ޝަފީގު ޝުކުރު އަދާކުރައްވާފައިވެއެވެ.

       އިއްޔެ ބޭއްވުނު މި އިވެންޓް ކުރިއަށް ގެންދިއުމުގައި ކުޑަކުދިންގެ ހިޔާއިން މީރާ ކްލަބަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މީރާ ކްލަބުން އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.

30-11-14