އޮކްޓޫބަރު މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 675.3 މިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 675.3 (ހަ ސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 27.2 (ހަތާވީސް ޕޮއިންޓް ދޭއް) މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

675.3 (ހަ ސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %13.4 (ތޭރަ ޕޮއިންޓް ހަތަރެއް އިންސައްތަ) އިތުރު އަދަދެކެވެ. އޮކްޓޫބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ އޮކްޓޫބަރު 2013 ގައި ބަލައިގަނެފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މި މަހު ބަލައިގަނެފައިވުމުންނާއި، ގިނަ އަދަދަކަށް ބީ.ޕީ.ޓީ ގެ ފައިސާ ބަލައިގަނެފައިވުމުންނެވެ. މީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު ވެސް ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު ވަރަށްބޮޑަށް އިތުރުވެފައެވެ. އަދި އޮކްޓޫބަރު 2014 ގައި ލިބިފައިވާ އަދަދަކީ އެ މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށްވުރެ %29.8 (ނަވާވީސް ޕޮއިންޓް އަށެއް އިންސައްތަ) އިތުރު އަދަދެކެވެ. އަންދާޒާއަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ނޮވެންބަރު 2014 ގައި ލިބޭނެކަމަށް އަންދާޒާކުރި ލީސް ޕީރިއަޑް އެކްޓެންޝަން ފީގެ ބައެއް އޮކްޓޫބަރު މަހުގައި ލިބިފައިވުމުންނާއި، ސެޕްޓެންބަރު 2014 ގައި ލިބޭނެކަމަށް ލަފާކުރި ޓޫރިޒަމް ލޭންޑް ރެންޓުގެ ބައެއް އާމްދަނީ މި މަހު ލިބިމުންނާއި އަދި އޮކްޓޫބަރުގައި ބީ.ޕީ.ޓީގެ ސުންގަޑިއެއް ނެތް ނަމަވެސް ގިނަ އަދަދެއްގެ ބީ.ޕީ.ޓީގެ ފައިސާ ލިބުމުންނެވެ.

ވޭތުވެދިޔަ އޮކްޓޫބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި ޖުމުލަ 367.4 (ތިން ސަތޭކަ ފަސްދޮޅަސް ހަތެއް ޕޮއިންޓް ހަތަރެއް) މިލިއަން ރުފިޔާ ލިބިފައިވއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ޓެކުހުންނެވެ. ޓޫރިޒަމް ޓެކުހުގެ ގޮތުގައި ޖުމުލަ 64.9 (ފަސްދޮޅަސް ހަތަރެއް ޕޮއިންޓް ނުވައެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 60.4 (ފަސްދޮޅަސް ޕޮއިންޓް ހަތަރެއް) މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 51.9 (ފަންސާސް އެކެއް ޕޮއިންޓް ނުވައެއް) މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 37.0 (ތިރީސް ހަތެއް ޕޮއިންޓް ސުމެއް) މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 9.7 (ނުވައެއް ޕޮއިންޓް ހަތެއް) ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ މިދިޔަ އަހަރު އޮކްޓޫބަރުމަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީއާ އަޅައިބަލާއިރު 25.3% (ފަންސަވީސް ޕޮއިންޓް ތިނެއް އިންސައްތަ) އިތުރު އަދަދެކެވެ.

10-11-14