ސެޕްޓެންބަރު މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 835.7 މިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 835.7 (އަށް ސަތޭކަ ތިރީސް ފަހެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %4.3 (ހަތަރެއް ޕޮއިންޓް ތިނެއް އިންސައްތަ) އިތުރު އަދަދެއްކަމަށާއި މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %24.4 (ސައުވީސް ޕޮއިންޓް ހަތަރެއް އިންސައްތަ) އިތުރު އަދަދެކެވެ. ސެޕްޓެންބަރު 2013 ގައި ލިބިފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ މި މަހުގައި ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް، ޖެނެރަލް ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ އިތުރަށް ލިބިފައިވާތީއެވެ.

ވޭތުވެދިޔަ ސެޕްޓެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްއިން ޖުމުލަ 315.7 (ތިން ސަތޭކަ ފަނަރަ ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީގެ ގޮތުގައި ޖުމުލަ 302.7 (ތިން ސަތޭކަ ދޭއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހުގެ ގޮތުގައި 79.3 (ހަތްދިހަ ނުވައެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ، ބީ.ޕީ.ޓީގެ ގޮތުގައި 49.4 (ސާޅީސް ނުވައެއް ޕޮއިންޓް ހަރަތެއް) މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 26.5 (ސައްބީސް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ. ލިބިފައިވާ އާމްދަނީއިން އެމެރިކާ ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 40.3 (ސާޅީސް ޕޮއިންޓް ތިނެއް) މިލިއަން ޑޮލަރެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 9.01 (ނުވައެއް ޕޮއިންޓް ސުމެއް އެކެއް) ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ މީރާއިން 2013 ވަނަ އަހަރު އެއްކޮށް ބަލައިގަތް 8.9 (އަށެއް ޕޮއިންޓް ނުވައެއް) ބިލިއަން ރުފިޔާއަށްވެރު ވެސް ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީއާ އަޅައިބަލާއިރު، މިއީ %26.3 (ސައްބީސް ޕޮއިންޓް ތިނެއް އިންސައްތަ) އިތުރު އަދަދެކެވެ.

12-10-14