2014 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރުގެ ނިއަލަށް ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފި

 

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަމަލު ކުރަމުންދާ އުސޫލުގެ ދަށުން، 2014 ވަނަ އަހަރު ގެ ދެވަނަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

 މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ހިމެނެނީ އެޕްރިލް 2014 އިން ޖޫން 2014ގެ ޓެކްސް ނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ޓޫރިޒަމް ޖީ.އެސް.ޓީ އަދި ޖެނެރަލް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތެވެ. ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތް ކޮށްފައެވެ.

2014 ވަނަ އަހަރުގެ ދެވަނަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި އަދި ޖީ.އެސް.ޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 59 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 262 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.  ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތެއްގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެއެވެ.

17-09-14