މީރާއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މުދާ ކަސްޓަމްސްއަށް ހިފެހެއްޓޭނެ: ސިވިލް ކޯޓު

ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރުމަށާއި ދިވެހިރާއްޖެއިން މުދާ އެކްސްޕޯޓްކުރުމަށާއި ރީއެކްސްޕޯޓްކުރުމަށް ހުއްދަދޫކޮށްފައިވާ ފަރާތްތަކުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުދައްކައި އޮންނަ މުއްދަތުގައި، އެ ފަރާތްތަކުން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހިފަހައްޓަނީ "މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ގަވާއިދު" އާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.

ސިވިލް ކޯޓުން މި ގޮތަށް ނިންމަވައިފައި ވަނީ، ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރުގެ ފަރާތުން ރާއްޖެއަށް އިމްޕޯޓްކުރުމަށް ގެނައި ޝިޕްމަންޓެއް، ފުއާދު ޒާހިރު މީރާއަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުދައްކައި އޮތުމުގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދޫނުކުރުމާ ގުޅިގެން އެ ޝިޕްމަންޓް ދޫކޮށްދިނުމުގެ އަމުރަކަށް އެދި ކަސްޓަމްސްއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ފުއާދު ޒާހިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޤަޟިއްޔާގައި 11 ސެޕްޓެންބަރު 2014 ވަނަ ދުވަހު އިއްވި ޙުކުމްގައެވެ. މި މައްސަލައިގައި މީރާއިން ވަނީ ތަދައްޚުލްވެ، ދައުލަތުގެ ދިފާއުގައި ވަކާލާތުކޮށްފައެވެ.

ސިވިލް ކޯޓުގެ ޙުކުމްގައި ވަނީ، މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން، މުދާ އިމްޕޯޓްކުރުމަށާއި އެކްސްޕޯޓްކުރުމަށާއި ރީއެކްސްޕޯޓްކުރުމަށް ހުއްދަދޫކޮށްފައިވާ ފަރާތްތަކުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުދައްކައި އޮންނަ މުއްދަތުގައި އެ ފަރާތަކުން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހިފެހެއްޓޭނެކަން އެނގެން އޮވެ، ފުއާދު ޒާހިރު މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތްކަން އެނގެން އޮތުމާއެކު، ފުއާދު ޒާހިރު ރާއްޖެއަށް ގެނެސްފައިވާ މުދާ އެތެރެކުރުމަށް އެ މުދަލުގެ ޑިކްލެރޭޝަން ޕްރޮސެސްކޮށްދީފައި ނުވަނީ ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކަމަށްވާތީ، ފުއާދު ޒާހިރު ރާއްޖެއަށް ގެންނަ މުދާ އެތެރެކުރުން ވަގުތީ ގޮތުން ހުއްޓުވޭ ހުއްޓުވުމަކުން ފުއާދު ޒާހިރަށް ލިބޭ ގެއްލުމެއްގެ ޒިންމާ ކަސްޓަމްސްއިން އުފުލަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްކަމަށާއި، އެހެންކަމުން ފުއާދު ޒާހިރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމްސްގެ ކިބައިން ހޯދުމަށް ފުއާދު ޒާހިރުގެ ދައުވާގައި އެދިފައިވާ ފައިސާ ކަސްޓަމްސްގެ ކިބައިން ފުއާދު ޒާހިރަށް ނަގައިދެވޭނެ ތަނެއް ނެތްކަމުގައެވެ.

މީގެ އިތުރުން، ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދާ އިމްޕޯޓްކުރެވޭ ވަގުތުން ފެށިގެން އެ މުދަލެއް ދޫކޮށް ނިމެންދެން ނުވަތަ ކަސްޓަމްސްގެ އެހެން ވެސް އިޖުރާއަތެއްގެ ދަށުން ޢަމަލުކޮށް ނިމެންދެން އެ މުދަލެއް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަނީ "ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު" ގެ 64 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން ކަމަށްވާއިރު، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އެ ފަދައިން މުދަލެއް ހުންނަ ހުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހެއްގެ މުދަލެއް ދައުލަތަށް ނެގުން ކަމުގައި، ނުވަތަ އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހެއްގެ މުދަލެއް ދައުލަތަށް ހިފުން ކަމުގައި ނުވާކަމަށް ވެސް މި ޙުކުމްގައި ފާހަގަކުރައްވައިފައި ވެއެވެ.

13-09-14