އޮގަސްޓް މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 1.13 ބިލިއަން ރުފިޔާ ލިބިއްޖެ

2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 1.13 (އެކެއް ޕޮއިންޓް އެކެއް ތިނެއް) ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ %53.0 (ފަންސާސް ތިނެއް ޕޮއިންޓް ސުމެއް އިންސައްތަ) އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ލިބިފައިވާ އަދަދަށްވުރެ %113.3 (ސަތޭކަ ތޭރަ ޕޮއިންޓް ތިނެއް އިންސައްތަ) އިތުރު އަދަދެކެވެ. އޮގަސްޓް 2013 ގައި ލިބިފައިވާ އަދަދަށްވުރެ އެތައްގުނައެއް އިތުރަށް އާމްދަނީ މި މަހުގައި ލިބިފައިވަނީ އާންމު ގޮތެއްގައި ޖުލައި މަހަށް އަންނަ މުހިއްމު ސުންގަޑިތަކެއް ފިޠުރު އީދު ބަންދާ ދިމާވުމުގެ ސަބަބުން އޮގަސްޓް މަހުގެ 3 ވަނަ ދުވަހަށް ބަދަލުވުމާ ގުޅިގެން ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރެވުނު އާމްދަނީގެ ބައެއް އޮގަސްޓް މަހުގައި ލިބިފައިވާތީއާ، އޮގަސްޓް 2013 ގައި ބަލައިގަނެފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މިދިޔަ މަހު ބަލައިގަނެފައިވުމުގެ ސަބަބުންނެވެ.

ވޭތުވެދިޔަ އޮގަސްޓް މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީއިން ޖުމުލަ 447.7 (ހަތަރު ސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ހަތެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. ބީ.ޕީ.ޓީގެ ގޮތުގައި ޖުމުލަ 225.6 (ދުއިސައްތަ ފަންސަވީސް ޕޮއިންޓް ހައެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި މީރާއަށް 163.1 (ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓް އެކެއް) މިލިއަން ރުފިޔާ ލިބިފައެވެ. ލިބިފައިވާ އާމްދަނީއިން އެމެރިކާ ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 46.51 (ސާޅީސް ހައެއް ޕޮއިންޓް ފަހެއް އެކެއް) މިލިއަން ޑޮލަރެވެ. މިއީ އޮގަސްޓު މަހު ބަލައިގަތް ޖުމުލަ އާމްދަނީގެ %63.0 (ފަސްދޮޅަސް ތިނެއް ޕޮއިންޓް ސުމެއް އިންސައްތަ) އެވެ.

މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 8.17 (އަށެއް ޕޮއިންޓް އެކެއް ހަތެއް) ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ 2013 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %26.4 (ސައްބީސް ޕޮއިންޓް ހަތަރެއް އިންސައްތަ) އިތުރު އަދަދެކެވެ. އަދި މި މުއްދަތުގައި ބަލައިގަންނާނެ ކަމަށް ލަފާކުރި އާމްދަނީއާ އަޅައިބަލާއިރު %11.1 (އެގާރަ ޕޮއިންޓް އެކެއް އިންސައްތަ) އިތުރު އަދަދެކެވެ. 

09-09-14