ބަލައި ފާސްކުރުމުގެ ތެރެއިން ނެގޭ ތަކެތި ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް ހައިކޯޓުން ނިންމަވައިފި

ޓެކުހަށް މަކަރު ހަދަމުންދާ ކަމުގެ ތުހުމަތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން ބަލައި ފާސްކުރި ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ތަކެތި ހިފެހެއްޓުމުގެ ބާރާއި އިޚްތިޔާރު މީރާއަށް ލިބިގެން ނުވާކަމަށް 2013 ވަނަ އަހަރުގެ މެއި މަހު ސިވިލް ކޯޓުން ނިންމެވި ނިންމެވުން މިއަދު ހައިކޯޓުން ބާތިލުކުރައްވައިފިއެވެ.

ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން 2012 ވަނަ އަހަރުގެ ޑިސެންބަރު މަހު މީރާއިން ބަލައި ފާސްކުރީ ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރުގެ ނަމުގައި ހިންގާ ތިން ފިހާރައާއި ފުއާދު ޒާހިރުގެ ހިއްސާ އޮންނަ ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި ޕީ.އެފް.އެސް ޕްރައިވެޓް ލިމިޓެޑް ހިންގާ އޮފީހެވެ. މި ތަންތަން ބަލައި ފާސްކުރުމަށްފަހު މީރާއިން ފުއާދު ޒާހިރުގެ މައްޗަށް ތުހުމަތުކުރާ ކުށް ސާބިތުކުރުމަށް ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ހެއްކާއި ގަރީނާ މީރާގެ ބެލުމުގެ ދަށަށް ގެނައުމާއެކު، އެއީ ޤާނޫނާ ޚިލާފަށް މީރާއިން ކޮށްފައިވާ ކަމެއް ކަމަށް ބުނެ އެ މައްސަލަ ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނިންމަވައިފައި ވަނީ، ބަލައި ފާސްކުރެވޭ ތަނަކުން ތަހުގީގުގެ ބޭނުމަށް ތަކެތި ގެންދެވުނުކަމުގައިވިޔަސް، ޓްރައިބިއުނަލްގެ އަމުރުގައިވާ މުއްދަތުގެ އިތުރަށް އެ ތަކެތި ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެން ނުވާ ކަމުގައެވެ. އަދި މީރާގެ ކިބައިގައި ހުރި ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗަކީ ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ވަގުތުން އަނބުރާ ރައްދުކުރަންޖެހޭ ތަކެތިކަމުގައި މަދަނީ މިންގަނޑުން ޝަރީޢަތަށް ބުރަވެވޭކަމަށް ވެސް ސިވިލް ކޯޓުގެ އެ ހުކުމްގައި ކަނޑައަޅުއްވައިފައި ވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓްރައިބިއުނަލުން ނެރޭ ބަލައި ފާސްކުރުމުގެ އަމުރު ނެރެވޭ އެންމެ ދިގު މުއްދަތަކީ 14 ދުވަހެވެ.

ސިވިލް ކޯޓުގެ މި ހުކުމް މީރާއިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލި ޤަޟިއްޔާގައި މިއަދު އިއްވި ހުކުމްގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ކުރައްވައިފައި ވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް މި ޤަޟިއްޔާ ބެއްލެވި 3 ފަނޑިޔާރުންނަށް އިއްތިފާގުވެވޭ ކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަކީ ބާތިލު ހުކުމެއް ކަމުގައެވެ. އެ ގޮތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާ އާއި 37 ވަނަ މާއްދާއާ ޓެކްސް އެޕީލް ޓްރައިބިއުނަލް ގަވާއިދުގެ 15 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން، މީރާއިން ހިންގާ ބަލައި ފާސްކުރުމެއްގެ ތެރެއިން، ބަލައި ފާސްކުރާ ތަނުން ފެންނަ ތަކެތި، މީރާއިން އެ ފަރާތުގެ މައްޗަށް ހިންގާ ތަހުގީގެއްގެ ބޭނުމަށް ނުވަތަ ޝަރީޢަތަށް ހުށަހެޅުމުގެ ބޭނުމަށް މީރާގެ ބެލުމުގެ ދަށަށް ގެނެސް އެ ތަކެތި ހިފެހެއްޓުމަށް ޤާނޫނީ ބާރު ލިބިފައިވާކަމާއި، އެ ތަހުގީގު ނުވަތަ ޝަރީޢަތް ނިމުމުގެ ކުރިން އެ ފަދަ ހެއްކާއި ގަރީނާ އަނބުރާ އޭގެ ވެރި ފަރާތަށް ރައްދުކޮށްފިނަމަ، އެ ހެއްކާ ކުޅެ، ބަދަލު ގެނެސް، އެ ހެކި ނައްތާލުމުގެ ފުރުސަތު ލިބި އަދުލު އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ހުރަސް އެޅިދާނެކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ގަބޫލުކުރެވޭ ކަމަށް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުއްވާފައިވާ އަމުރަކީ ބަލައި ފާސްކުރުމަށް ނެރުއްވައިފައިވާ އަމުރެއްކަން އެނގޭކަމާއި، އެ އަމުރުގެ ދަށުން ބަލައި ފާސްކުރި ތަން އެ އަމުރުގައި ދީފައިވާ މުއްދަތުގެ ތެރޭގައި ބަލައި ފާސްކޮށްފައިވާކަން އެނގޭކަމާއި، ބަލައި ފާސްކުރުމާއި، ބަލައި ފާސްކުރާ ތަނަކުން ތަހުގީގަކަށް ނުވަތަ ޝަރީޢަތަކަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނެގުމަކީ ތަފާތު ދެ ކަމެއް ކަމާއި، ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަނަކުން އެއްޗެއް ނަގައިގެން ގެންދެވޭނީ އެ ކަމަށް ޤާނޫނު ހުއްދަކުރާނަމަކަމަށް ގަބޫލުކުރެވޭއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން ތަނެއް ބަލައި ފާސްކުރުމަށް ދީފައިވާ އަމުރެއް ތަންފީޒުކުރުމަށް ހަވާލުވެ ހުންނަ މީރާގެ އޮފިސަރަކަށް އެ ތަނަކުން ފެންނަ އެ ފަދަ އެއްޗެއް ނަގައި ގެންދިއުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގެ 2 ވަނަ ނަންބަރާއި 37 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އާއި (ޅ) އަށް ބެލުމުން އެނގެން އޮންނަ ކަމާއި، ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ އެއްޗެއް ގެންދިއުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ވަކި އަމުރެއް އޮތުން ލާޒިމް ނޫންކަމާއި، އަދި ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީރާގެ ފަރާތުން ގެންދާ އެއްޗެއް، އެ އެއްޗެއް ގެންދެވުނު ތަހުގީގު ނިމެންދެން ނުވަތަ ޝަރީޢަތުގައި އެ އެއްޗެއްގެ ބޭނުން ހިފެންދެން ހިފެހެއްޓިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދަށް ބެލުމުން އެނގެން އޮންނަކަމަށް ވެސް މި ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

21-08-14