އެސް.ބީ.އައި އިން އިސްތިއުނާފްކުރި މައްސަލައިގެ ޙުކުމް ހައިކޯޓުން އިއްވަވައިފި

ސްޓޭޓް ބޭންކް އޮފް އިންޑިޔާ، މާލެ ބްރާންޗް (އެސް.ބީ.އައި) އިން އެޑިޝަނަލް ޓެކުހުގެ ގޮތުގައި 55,647,652.75ރ (ފަންސާސް ފަސް މިލިއަން ހަ ލައްކަ ސާޅީސް ހަތް ހާސް ހަ ސަތޭކަ ފަންސާސް ދެ ރުފިޔާ ހަތްދިހަ ފަސް ލާރި) ދެއްކުމަށް މީރާއިން އަންގާފައިވާ އެންގުން ރަނގަޅުކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމެވި ނިންމެވުން، އެސް.ބީ.އައި އިން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ނިންމުން އިއްޔެ ހައިކޯޓުން އިއްވަވައިފިއެވެ. ހައިކޯޓުން މައްސަލަ ބެއްލެވުމަށްފަހު ޓްރައިބިއުނަލުން މީރާއާ އެއްކޮޅަށް ނިންމެވި ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އެ ގޮތުގެ މަތިން ޙުކުމްކުރައްވައިފައިވެއެވެ.

2011 ވަނަ އަހަރުގެ މާލީ އަހަރާ ގުޅިގެން މީރާއިން އެސް.ބީ.އައި ގެ މާލީ ބަޔާން އޮޑިޓުކުރުމަށްފަހު، 31 އޮކްޓޫބަރު 2012 ވަނަ ދުވަހު އެ ފަރާތަށް ފޮނުވައިފައިވާ "ނޯޓިސް ޓު ދަ ބޭންކް ޕްރޮފިޓް ޓެކްސް އެސެސްމަންޓް" (Notice to the bank profit tax assessment) އިން އެ ބޭންކުން އެޑިޝަނަލް ޓެކްސްގެ ގޮތުގައި 55,647,652.75ރ (ފަންސާސް ފަސް މިލިއަން ހަ ލައްކަ ސާޅީސް ހަތް ހާސް ހަ ސަތޭކަ ފަންސާސް ދެ ރުފިޔާ ހަތްދިހަ ފަސް ލާރި) 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައިފައިވެއެވެ.

މީރާގެ މި ނިންމުން ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިއުތިރާޒުކުރުމުން، މީރާއިން ނިންމި ނިންމުން ރަނގަޅުކަމަށް ބުނެ މީރާއިން ބޭންކަށް އަންގައިފައިވާކަމަށާއި މީރާއިން ފަހުން ނިންމި ނިންމުމާ ގުޅިގެން ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުގެ މަތިން، ބޭންކުން އެޑިޝަނަލް ޓެކްސްގެ ގޮތުގައި ދެއްކުމަށް މީރާއިން އަންގާފައިވާ ފައިސާ 2 ޑިސެންބަރު 2012 ވަނަ ދުވަހު ދެއްކުމަށްފަހު އެ ނިންމުން އިސްތިއުނާފުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެސް.ބީ.އައި އިން ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން، މީރާ ޢަމަލުކުރި ގޮތެއްގެ ސަބަބުން ޑަބަލް ޓެކްސޭޝަނުގެ ބިރުވެރިކަމެއް އޮތްކަމަށް ބެލެވޭނެ ޤާނޫނީ ހުއްޖަތެއް ނެތް ކަމަށް ވެސް މި ނިންމުމުގައި ފާހަގަ ކުރައްވާފައިވެއެވެ.

18-08-14