ޖުލައި މަހު މީރާއަށް ލިބިފައިވާ އާމްދަނީ ދަށްވެފައި ނުވޭ

ޖުލައި 2014 ގައި މީރާއަށް ލިބިފައިވާ އާމްދަނީ އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ ދަށްވެފައިނުވެއެވެ. އަދި މި އާމްދަނީއަކީ އަކީ ޖުލައި 2013 ގައި ލިބިފައިވާ އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.

އާންމު ގޮތެއްގައި ޖުލައި މަހަށް އަންނަ މުހިއްމު ސުންގަޑިތަކެއް އީދު ބަންދާ ދިމާވުމުގެ ސަބަބުން އޮގަސްޓް 3 ވަނަ ދުވަހަށް ބަދަލުވުމާ ގުޅިގެން ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރެވުނު އާމްދަނީގެ ބައެއް ލިބިފައިވަނީ އޮގަސްޓް މަހުގައެވެ. އެހެންކަމުން މި އަދަދު މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ އާމްދަނީ ރިޕޯޓުގައި ހިމެނިފައި ނުވާނެއެވެ.

ޖޫން 2014 އަދި 2014 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖުމުލަ ޖީ.އެސް.ޓީގެ ގޮތުގައި މީރާއަށް 312 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރެއިން 170 މިލިއަން ރުފިޔާ ލިބިފައިވަނީ 3 އޮގަސްޓް 2014 ވަނަ ދުވަހު އެވެ. މިއީ 2013 ވަނަ އަހަރުގެ ޖުލައި މަހު ލިބިފައިވާ އަދަދަށްވުރެ %13.4 އިތުރު އަދަދެކެވެ. ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ ޖުމުލަ އަދަދުގެ ތެރެއިން ޓޫރިޒަމް ޖީ.އެސް.ޓީ ގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރަށް ވުރެ %23.8 އިތުރު އަދަދެކެވެ. އަދި ޖެނެރަލް ޖީ.އެސް.ޓީ ގެ ގޮތުގައި ލިބިފައިވާ 143.7 މިލިއަން ރުފިޔާ އަކީ 2013 ވަނަ އަހަރާ އަޅާބަލާއިރު %3.3 އިތުރު އަދަދެކެވެ.

މީގެ އިތުރުން ބީ.ޕީ.ޓީގެ ގޮތުގައި ޖުމްލަ 831 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2013 ވަނަ އަހަރުގެ ޖުލައި މަހު ލިބިފައިވާ އަދަދަށްވުރެ %39.8 އިތުރު އަދަދެކެވެ. 

16-08-14