މީރާއިން 'ޓެކްސް ވީކް' އެއް ބާއްވަނީ

ދިވެހިރާއްޖޭގައި ޤާއިމުކުރެވިފައިވާ ޓެކުހުގެ ނިޒާމަށް ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން  އަހުލުވެރިކުރުމުގެ ގޮތުން 'ޓެކްސް ވީކް' ގެ ނަމުގައި އެއް ހަފްތާގެ މުއްދަތަށް ރާވާލެވިފައިވާ ހަރަކާތްތަކެއް މިއަދު ފައްޓައިފިއެވެ. 'ޓެކްސް ވީކް' ބޭއްވުމުގެ އެއް މަޤްސަދުގެ ތެރޭގައި މީރާގެ 4 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ހިމެނެއެވެ.

  މީރާގެ 4 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގޭ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 އޮގަސްޓް 2014 އިން 8 އޮގަސްޓް 2014 އަށެވެ. އަދި މި 'ޓެކްސް ވީކް' ގެ ތެރޭގައި ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމާއި، 'މީރާ އޯޕަން ޑޭ' އެއް ބޭއްވުމާއި، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. "މީރާ އޯޕަން ޑޭ" ގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މައުލޫމާތު އާންމުންނާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މީގެ އިތުރުން، 'ޓެކްސް ވީކް' ގެ އެންމެ ފަހު ދުވަހު މީރާގެ 4 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

'ޓެކްސް ވީކް' އަކީ އާންމުން ޓެކުހަށް އަޙުލުވެރިކުރުމަށް މީރާއިން ކުރަމުން ދާ މަސައްކަތުގެ ބައެއްކަމަށާއި، މި 'ޓެކްސް ވީކް' ފާހަގަކުރުމުގައިވެސް ޓެކްސްދައްކާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމަށް މީރާއިން އުންމީދު ކުރެއެވެ.

03-08-14