އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރަނީ

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ނިންމައިފިއެވެ.

"ރަންލާރި އެވޯޑް" ގެ ނަމުގައި ދެވޭ މި އެވޯޑް ދެވޭނީ 3 ގިންތިއަކަށް ބަހައިލައިގެން، މުޅިއެކު 11 ފަރާތަކަށެވެ. އެއީ "ވަކި ފަރުދުންގެ ގިންތި" އިން އެންމެ ގިނައިން ފައިސާ ދެއްކި 5 ފަރާތާއި، "ކޯޕަރޭޓް ގިންތި" އިން އެންމެ ގިނައިން ފައިސާ ދެއްކި 5 ފަރާތާއި، "ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކުގެ ގިންތި" އިން އެންމެ ގިނަ ފައިސާ ދެއްކި ފަރާތެވެ. ވަކި ފަރުދުންގެ ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ވަކި ފަރުދުންނެވެ. ކޯޕަރޭޓް ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި އެ ނޫން ވެސް ޝަޚްސުތަކެވެ. ނަމަވެސް އެ ގިންތީގައި ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކެއް ނުހިމެނޭނެއެވެ. ސަރުކާރު ކުންފުނިތަކާއި ލިސްޓެޑް ކުންފުނިތަކުގެ ގިންތީގައި ހިމެނޭނީ ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންގައި ލިސްޓުކޮށްފައިވާ ކުންފުނިތަކާއި، ސަރުކާރުގެ މަދުވެގެން 20% ހިއްސާ އޮންނަ ކުންފުނިތަކެވެ.

ރަންލާރި އެވޯޑް ލިބޭ ފަރާތް ކަނޑައެޅުމުގައި، ޤާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އެއްބަސްވުމަކާ ޚިލާފުވެގެން އެއްވެސް ފަރާތަކުން މީރާއަށް ދައްކައިފައިވާ އެއްވެސް ޖޫރިމަނާއެއް ނުހިމެނޭނެއެވެ. އަދި މި އެވޯޑް ދިނުމުގެ ކަންތައް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށްޓަކައި މި އެވޯޑް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ހަމަތައް އެކުލެވޭ އުސޫލެއް އެކުލަވައިލުމަށްފަހު މީރާގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.

ރަންލާރި އެވޯޑް އެންމެ ފުރަތަމަ ދެވޭނީ 2013 ވަނަ އަހަރު އެންމެ ގިނައިން ފައިސާ ދެއްކި ފަރާތްތަކަށެވެ. އަދި މި އެވޯޑް ދެވޭނީ މީރާގެ 4 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 8 އޮގަސްޓު 2014 ގައެވެ.

22-07-14