2014 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި މީރާއިން 5.67 ބިލިއަން ރުފިޔާ ބަލައިގެންފި

2014 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 5.67 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މިއީ 2013 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި މީރާއިން ބަލައިގަނެފައިވާ 4.66 ބިލިއަން ރުފިޔާއަށްވުރެ 1 ބިލިއަން ރުފިޔާ (%22) އިތުރު އަދަދެކެވެ.

               މި އަހަރުގެ ފުރަތަމަ 6 މަހުގައި އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. މިގޮތުން 2.33 ބިލިއަން ރުފިޔާއާ އެކު، ލިބިފައިވާ އާމްދަނީގެ %41.2 ލިބިފައިވަނީ ޖީ.އެސް.ޓީ މެދުވެރިކޮށެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ ގެ ގޮތުގައެވެ. ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިވާ 1.39 ބިލިއަން ރުފިޔާއަކީ ލިބިފައިވާ އާމްދަނީގެ %24.6 އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 544 މިލިއަން ރުފިޔާ، ބެޑް ޓެކުހުގެ ގޮތުގައި 383 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 227 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

        މީގެ އިތުރުން ޖޫން 2014 ގައި މީރާއިން ވަނީ 1.27 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ 2013 ވަނަ އަހަރު ޖޫން މަހުގައި ލިބިފައިވާ އާމްދަނީއަށް ވުރެ %27.2 އިތުރު އަދަދެކެވެ. އަދި މިއީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ %24.8 އިތުރު އަދަދެކެވެ. ޖޫން 2014 ގައި ލިބިފައިވާ އާމްދަނީއަކީ މީރާއަށް މިހާތަނަށް މަހެއްގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ މަހެވެ. މީރާއަށް މީހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ މަހަކީ ޖަނަވަރީ 2014 އެވެ. ޖަނަވަރީ މަހު ލިބިފައިވަނީ 1.30 ބިލިއަން ރުފިޔާއެވެ.

09-07-14